ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ މުސާރަތައް ދަށްކޮށްފި

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުތަކުގެ ތެރޭގައި ހިމެނޭ، ރެއާލް މެޑްރިޑުންވެސް އެ ކުލަބުގެ ކުޅުންތެރިންގެ މުސާރަތައްވެސް ދަށް ކޮށްފި އެވެ.

އެ ކުލަބުން، ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކުޅުންތެރިންގެ މުސާރައިން 10 ޕަސަންޓާއި 20 ޕަސަންޓް ދެމެދުގެ މިންވަރެއް ކުޑަ ކުރުމަށް ކުޅުންތެރިން އަމިއްލައަށް އެއްބަސްވެފައިވާ ކަމަށެވެ. މިކަން، ކުލަބުގެ ބާސްކެޓްބޯޅަ ޓީމުންވެސް އަމަލު ކުރާނެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ، ކުޅުންތެރިން އެކަމަށް އިސްނެގީ، ނޮން ސްޕޯޓިންގެ މުވައްޒަފުންނަށް، 100 ޕަސަންޓް މުސާރަ ލިބިދިނުމަށްޓަކައި ކަމަށެވެ. އަދި އެކަން އަމަލު ކުރާނީ މި ސީޒަން ނިމެންދެން ކަމަށެވެ. އެހެންނެވެސް، މެދުކަނޑާލަފައިވާ މި ސީޒަން އަލުން ފެށޭނެ ތާރީހެއް ބުނަން ނޭންގެ އެވެ.

ރެއާލް މެޑްރިޑްގެ މުސާރަތައް ދަށް ކުރީ، އެ ކުލަބުގެ ޖަރުމަންގެ މިޑްފީލްޑާ ޓޯނީ ކްރޫޒް އެކަމަށް ތާއީދު ނުކުރާ ކަމަށް ކުރިން ހާމަ ކޮށްފައިވާ ވަގުތެއްގަ އެވެ. ޖަރުމަންގެ ރޭޑިއޯއަކަށް ދިން އިންޓަވިއުގައި ކްރޫޒް ބުނެފައި ވަނީ، މުސާރަ ދަށް ކުރުމަކީ، ކުލަބަށް ޑޮނޭޝަންއެއް ދިނުން ކަހަލަ ކަމެއް ކަމަށެވެ.

މީގެ ކުރިން، ވާދަވެރި ބާސެލޯނާ އާއި އތުލެޓިކޯ މެޑްރިޑުންވެސް ވަނީ އެ ދެ ކުލަބުގެ މުސާރަތައްވެސް ދަށް ކޮށްފަ އެވެ. ލަލީގާއިން އަންދާޒާ ކޮށްފައި ވަނީ މި ސީޒަން ނިންމާ ނުލެވިއްޖެނަމަ އެ ލީގަށް އެއް ބިލއަން ޔޫރޯގެ ގެއްލުމެއް ކުރިމަތި ވާނެ ކަމަށެވެ.

ކޮވިޑް-19 އިގެ ސަބަބުން ދުނިޔެއަށް ކުރިމަތި ވަމުންދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުޅަބުތަކުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.