ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯސޭ މޮރީނިއޯ

މޮރީނިއޯ މާފަށް އެދިއްޖެ

އަންގާރަ ދުވަހު ބޭއްވި ޓޮޓްނަމް ހޮޓްސްޕާސްގެ ޓްރޭނިންގައި، ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތައް މުގުރާލެވުމުން، އެ ޓީމުގެ ކޯޗް ހޮޒޭ މޮރީނިއޯ މާފަށް އެދިއްޖެ އެވެ.

އުތުރު ލަންޑަންގައި ހުންނަ ސްޕާސްގެ ޓްރޭނިން ސެންޓަރު މޮރީނިއޯ ވަނީ ޕްރެކްޓިސް ސެޝަންގައި ޓީމުގެ މިޑްފީލްޑަ ޓެންގީ އެންޑޮމްބެލޭ އާ ކައިރީގައި ހުރެގެން ސެޝަން ކުރިއަށް ގެންގޮސްފަ އެވެ. ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޑިވެންޝަން ސަންޗޭޒް އަދި ރަޔަން ސެސެންގްނޮން ޖޮގިން ކުރަމުން ދިޔައިރު އެ ދެ ކުޅުންތެރިން ވަނީ ސޯޝަލް ޑިސްޓެންސް ގެއްލޭ ގޮތަށް ކައިރީގައި ތިބެގެން ދުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ގައިޑްލައިނެއް އެކުލަވާލާފަ އެވެ. މޮރީނިއޯ ބުނީ، އޭނާގެ އަމަލުތައް ހުރީ އެ ގައިޑްލައިނާ އެއްގޮތަށް ނޫންކަން ގަބޫލު ކުރާ ކަމަށެވެ.

"އަހަންނަށް އެނގޭ އަހަންނަށް ކަންކަން ބެހެއްޓުނީ ރަނގަޅަށް ނޫންކަން،" މޮރީނިއޯ ބުނެފައި ވެއެވެ. "އަދި އަހަންނަށް އެނގޭ ސަރުކާރުން ކަނޑައަޅާފައި ޕްރޮޓަކޯލްގެ ދަށުން ކައިރީގައި ތިބެވޭނީ އެއް ގެއްގައި އުޅޭ ބަޔަކާ ދެމެދުގައި ކަން."

"އެކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް، އަދި އެކަން ދެމެހެއްޓުމަށް އަހަރެމެން މަސައްކަތް ކުރާނަން އަދި ސަރުކާރުގެ އިރުޝާދުތަކާއެއްގޮތަށް އަހަރެމެން އަމަލު ކުރާނަން، މިފުރުސަތުގައި ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް އަހަރެން ފާހަގަ ކުރަން."