ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ލީގް ނިންމާލައި ސެލްޓިކަށް ތަށި ދެނީ

ކޮވިޑް-19 ގެ ސަބަބުން، ހުއްޓާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގްތަކުގެ ތެރެއިން ސްކޮޓިޝް ޕްރިމިއާ ލީގް ނިންމާލައި، އެއް ވަނައިގައި އޮތް ސެލްޓިކަށް ތަށި ދޭން، އެ ލީގުން ތައްޔާރު ވެއްޖެ އެވެ.

ލީގް ނިންމާލުމާ ބެހޭގޮތުން، ލީގްގެ ބޮޑީން ވަނީ މަޝްވަރާ ކޮށްފަ އެވެ. އެހެންނަމަވެސް ޔޫއެފާއިން ވަނީ އެ ނިންމުނު ނިންމުމުގެ ކުރިން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބެލުމަށް އަންގާފަ އެވެ. ލީގް ހުއްޓާލަން ނިންމާ ނިންމުމެއް ޔޫއެފާއިން ބަލައިގަންނާނީ އޭގެ ފަހުންނެވެ. އެކަން ގަބޫލު ކުރިކަމަށް ޔޫއެފާއިން އަންގާނީ، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކުލަބުތައް ކޮލިފައިވުމުގައި އިންސާފް ނުގެއްލޭނެ ކަމުގެ ޔަގީންކަން އޮތް ނަމައެވެ.

މިހާރު ލީގް ހިސާބުން އެ މައްސަލަ ކުރިމަތި ނުވާނެ ކަމަށް ސްކޮޓިޝް ޕްރިމިއާ ލީގުން ބުނެ އެވެ. ލީގް ހުއްޓާލަން ކުލަބުތަކުގެ ވޯޓަށް އަހާނެ އެވެ. ލީގްގެ 12 ކުލަބުގެ ތެރެއިން ނުވަ ކުލަބުން ލީގް ނިންމާލުމަށް ވޯޓް ދީފިނަމަ ދެން އެކަން ޔޫއެފާއަށް ހުށަހަޅާނެ އެވެ.

ލީގް ނިންމާލުމުން، މިހާރު އޮތް ގޮތުން ރެލިގޭޓް ވާނީ ފުލުގައި އޮތް ހާޓް އޮފް މިޑްލޯދިއަން އެވެ. އެ ކުލަބުގެ ޗެއާޕާސަން އޭން ބާޖު ވަނީ، އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. އޭނާގެ ކުލަބު އެންމެ ފުލުގައި އޮތީ ހަތަރު ޕޮއިންޓްގެ ތަފާތަކުންނެވެ. އަދި ލީގްގައި އެ ޓީމަށް ބާކީ އަށް މެޗު އެބައޮތެވެ.

ސެލްޓިކަށް ވުރެ، 13 ޕޮއިންޓް ފަރަގަކާއެކު ދެ ވަނައިގައި އޮތް ރޭންޖާސްއިންވެސް ވަނީ ލީގް ނިންމާލުމަށް ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ.