ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ސަރުކާރުން އިންޓެނެޓް ފޯރުކޮށްދީ، ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން ޓެލެކްލާސްތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ގްރޭޑް އެކަކުން ހައެއްގެ ދަރިވަރުންނަށް ޓެލެކްލާސްތައް ފާށާނެ ކަމަށެވެ. މިހާރު ޓެލެކްލާސްތައް ކުރިއަށް ގެންދަނީ ގްރޭޑް ހަތަކުން ދިހައެއްގެ ދަރިވަރުންނަށެވެ.
އޭގެއިތުރުން އެލްކޭޖީ އާއި ޔޫކޭޖީ ދަރިވަރުންނަށް ގޭގައި ކުރެވިދާނެ ކަންތައްތައް ހިމަނައި ލާނިން ޕެކޭޖްތަކެއް ތައްޔާރުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އުރީދޫ އާއި ދިރާގުން ހުރިހާ ދަރިވަރުންނާއި ޓީޗަރުންނަށް އެއް މަހަށްވާވަރަށް ޑޭޓާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ޑޭޓާ ހޯދުމަށް ސްކޫލުން މިނިސްޓްރީގައި އެދެމުން ސްކޫލުން އެދޭ ފޯނުތަކަށް ޑޭޓާ ފޮނުވަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޓަނެޓާއި ޓީވީ ލިބެން ނެތް ދަރިވަރުންގެ މައުލޫމާތު ވެސް ހޯދާފައިވާ ކަމަށެވެ. އެ ދަރިވަރުންނަށް ކަރުދާހުގައި ފިލާވަޅުތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި، އެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުކޮށް ޕިޒިކަލް ޑިސްޓެންސިންއާއެކު ސްކޫލްގެ ޑިވައިސްއެއް ބޭނުންކޮށްގެން ފިލާވަޅު ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސަމުންދާ ކަމަށެވެ.
ދަރިވަރުން ފިލާވަޅުތަކަށް އެޓެންޑްވާ މިންވަރު ވެސް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ފިލާވަޅުތަކަށް ދަރިވަރުން ސަމާލުކަން ދޭތޯ ބެލުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
އޭގެއިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ގުރޭޑް 10އެއްގެ ދަރިވަރުންނަށް ހާއްސަ ސަމާލު ކަމެއް ދީގެން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޫގަލް ކްލާސްތައް ބާއްވައި ގިނަ ޓީޗަރުންނާއެކު ފޯރަމްތައް ވެސް ރާވަމުންދާ ކަމަށެވެ. އެ ފޯރަމްތަކުގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދޭނެ ކަމަށެވެ.
ގުރޭޑް 10އެއްގެ ދަރިވަރުންގެ އިމްތިހާނު ފަސްކުރުމާ ގުޅޭ ގޮތުން މިހާރު ވެސް ކެމްބްރިޖާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި ވަކި ނިންމުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކެމްބްރިޖްގެ އިމްތިހާނަށް ބަދަލު އަންނަނަމަ އިސްލާމް، ދިވެހި އިމްތިހާނަށް ވެސް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ސްކޫލްތައް ބަންދުވެފައި އޮންނަތާ މިހާރު ވަނީ ފަސް ހަފުތާވެފަ އެވެ. އަދި، އަންނަ ހަފުތާއަށް ވެސް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.