ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލީގެ އަލާމާތް ފެނުމުން ސިއްރު ކުރާކަން ފާހަގަކުރެވޭ: އަމީނ

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރިސޯޓްތަކުގައި 14 ދުވަހުގެ މުއްދަތަށް ތިބޭ މުވައްޒިފުންގެ ތެރެއިން ބައެއް މީހުންގެ ކިބައިން ބަލީގެ އަލާމަތްތައް ފެނުނު ނަމަވެސް އެ މައުލޫމާތު ސިއްރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް ހުރިހާ ރައްޔިތުން ސަލާމަތާއި ރައްްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

އެ ފިޔަވަޅުތަކާ ހިލާފަށް އެއްވެސް މީހަކު އަމަލުކޮށްގެން ނުވާނެ ކަމަށާ އެފަދައިން އަމަލުކުރާ އެންމެ މީހެއްގެ ސަބަބުން މުޅި މުޖްތަމައު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒިފުންނަށް އެ ރަށުން ފެބޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްފަހުން ކަމަށް ކަނޑައަޅާފައިވާތީ އެ 14 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް އަލާމާތެއް ފެނުނު ނަމަވެސް އެކަން ކަމާބެހޭ އިދާރާތައް ރިޕޯޓްނުކޮށް ސިއްރު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަން ކުރަނީ އިތުރު ދުވަސްތަކެއްގައި އަލުން ރިސޯޓްގައި ތިބެންޖެހިދާނެތީ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ބަލީގެ އެއްވެސް އަލާމާތެއް ހުރިކަން ސިއްރުކޮށްފިނަމަ މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާފަދަ ކަމަކަށް އެކަން ވެގެން ހިނގައިދާނެ ކަމަށެވެ.

"..މީގަ ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލާ ހިތްވޭ، ރިސޯޓްތަކުން 14 ދުވަސް ހަމަވެގެން މީހުން މުޖްތަމައު ތެރެއަށްދާއިރުވެސް މިކަމުގައި، އެ 14 ދުވަސްތެރޭވެސް އެއްވެސް އަލާމާތެއް ފެންނަ ކަމުގައިވާނަމަ އެކަން ސިއްރު ނުކުރުމަކީ ވަރަށް އެދޭ ކަމެއް. އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސްވާން ކައިިރިވުން ނުވަތަ 14 ދުވަސްވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު ބައެއް ފަހަރު އަލާމާތްތައް ހުރި މީހުންގެ މައުލޫމާތު މިހާތަނަށް ފޯރުކޮށްނުދީ ހުރިކަން. މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން ނުވަތަ އަލާމާތެއް ހުރި މީހަކު ބުނުމުގެ ސަބަބުން އެރަށުގައި ތިބި މުވައްޒިފުން 14 ދުވަހަށްވުރެ ގިނަ ދުވަހު ތިބެންޖެހިދާނެތީ އެ މައުލޫމާތުތައް ސިއްރުކޮށްފިނަމަ، އެކުރެވޭ ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލަށް ހުށައެޅިގެންދާނެ." އަމީން ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސްވާން ކައިިރިވުން ނުވަތަ 14 ދުވަސްވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު ބައެއް ފަހަރު އަލާމާތްތައް ހުރި މީހުންގެ މައުލޫމާތު މިހާތަނަށް ފޯރުކޮށްނުދީ ހުރިކަން. މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން ނުވަތަ އަލާމާތެއް ހުރި މީހަކު ހުރިކަމަށް ބުނުމުގެ ސަބަބުން އެރަށުގައި ތިބި މުވައްޒިފުން 14 ދުވަހަށްވުރެ ގިނަ ދުވަހު ތިބެންޖެހިދާނެތީ އެ މައުލޫމާތުތައް ސިއްރުކޮށްފިނަމަ، އެކުރެވޭ ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލަށް ހުށައެޅިގެންދާނެ
އަބްދުﷲ އަމީން | ހެލްތް މިނިސްޓަރު

މިނިސްޓަރު ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަން ސިއްރު ނުކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

މީގެ އިތުރުން މުޖްތަމައުގެ ތެރޭގައި ކޮވިޑް ފެތުުރުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ ބެލުމަށް ހާއްސަ ދިރާސާއެއް ކުރަމުން ގެންދާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މިހާރު އެޅޭ ފިޔަވަޅުތައް އަދި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާމެދުވެސް ގޮތް ނިންމާނީ އެ ދިރާސާގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށް އަމީން ވިދާޅުވިއެވެ.

"..އަޅުގަނޑުމެން ދިރާސާ ކުރަމުން މިގެންދަނީ މިހާރު ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ނޫންތޯ ބެލުމަށް. ވަރަށް ސައިންޓިފިކް މެތަޑްތައް ބޭނުންކޮށްގެން ސާމްޕަލްތައް ނެގި، ދިރާސާ ކުރަމުން މިގެންދަނީ ވީހާވެސް ބޮޑަށް ކަށަވަރު ކުރެވޭތޯ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ނޫންތޯ ބެލުމަށް. އެ ބެލުންތަކަށްފަހު އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނީ." އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ތެރެއިން ކޮވިޑް-19 ފެނިފައި އަދި ނުވީ ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގައި ވެސް ކޮވިޑް-19ގެ މީހުން ތިބެދާނެ ކަމަށެވެ. އަލާމާތްތައް ހުންނަ މީހުން އެކަން ނުފޮރުވައި އެންގުން ވެސް މުހިންމު ކަމަށެވެ.

"ހަދާ ދިރާސާތަކަށް ބަލައި އަދި މި ނެތޭ ނުބަނަން ދަތި، އެކަމަކު ނުރައްކާތެރި ހަބަރެއް ނުވަތަ ހާދިސާއެއް ބައްދަލު ނުކުރާތާ ދުވަަސްވީމަ އަޅުގަނޑުމެންނަށް ކަން ފަސޭހަ ކުރެވިގެން ދަނީ، އަދިވެސް ހާލަތު ރަނގަޅު ކަމަށް ބަލަން އަވަސް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ލަފާކުރި މިންވަރަށް ރާއްޖޭގައި ކޮވިޑް-19 ފެތުރިފައި ނެތް ކަމަށެވެ. އެހެންވެ، އަދި މިއޮތީ ކޮންޓްރޯލް ކުރެވިފަ ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ބަލި އެއް ފަހަރު ކޮންޓްރޯލްވުމަށްފަހު ދެވަނަ ފަހަރަށް ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ. އެހެންވީމަ ވީހާވެސް ބޮޑަށް ފިޔަވަޅުތަކަށް ފަރުވާތެރިވެ، ގޭގައި ތިބުން މުހިންމު ކަމަށެވެ.