ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 1002 މީހުން

މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 1002 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށެވެ.

ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެން މިވަގުތު ރާއްޖެ އަންނަނީ މުޅިންވެސް ދިވެހިންނެވެ. އެއީ ރާއްޖެ ނާދެވި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންނެވެ. އެ ހުރިހާ އެންމެވެސް ދަނީ ކަރަންޓީން ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު ތިބީ 1002 މީހުން ކަމަށެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި ގިނަ ރިސޯޓްތަކެއް ދަނީ ބޭނުން ކުރަމުންނެވެ. އަދި ކަރަންޓީން ކުރާ ކޮންމެ މީހަކަށް ސަރުކާރުން ދަނީ ދުވާލަކަށް 750 ރުފިޔާ ހަރަދު ކުރަމުންނެވެ. އެއީ އެ މީހުންގެ ކެއިން ބުއިމާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށެވެ.

މީގެ އިތުރުން އައިސޮލޭޝަންގައި މިވަގުތު 11 މީހަކު ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކަރަންޓީންގައި 14 ދުވަހު ބޭތިބުމަށްފަހު ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން މިމަހުގެ ހަތަރުވަނަ ދުވަހު 49 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ބުދަ ދުވަހު 325 މީހަކު ވަނީ ދޫކޮށްލާފައިވާއިރު އިއްޔެވެސް 200 މީހުން ވަނީ ދޫކޮށްލާފައެވެ.

މިފަހުން ކަރަންޓީން ކޮށްފައިވަނީ ލަންކާއިން އައި 100 މީހުންނާ، އިންޑިއާއިން އައި 200 މީހުންގެ އިތުރުން މެލޭޝިޔާއިން އައި 197 މީހުންނެވެ.