ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން އަދި އޮޑިޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އިސްމާއިލް ޒަރިއަންދު ވިދާޅުވެއްޖެ އެވެ.
ޒަރިއަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ވައްކަން ކުރީ ރައްޔިތުންގެ މުދަލުން ކަމަށާ މިހާރު ވައްކަން ކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށެވެ.
"..ކުރިންވެސް މިހާރުވެސް ވައްކަން ކުރަނީ ހަމަ އެއް ގުރޫޕެއް." ޒަރިއަންދުގެ ޓްވީޓްގަައި ވިދާޅުވެފައިވެއެވެ.
ނަމަވެސް އޭނާގެ އެ ތުހުމަތުތަކާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ. އަދި ތުހުމަތު ކުރަނީ ސަރުކާރުގެ ކޮންކޮން މަގާމެއްގައި ތިއްބެވި ބޭފުޅުނެއް ކަމެއް ވިދާޅުއް ނުވެއެވެ.
ބައެއް މީހުން ވަނީ އެކަންކަން ހިނގާކަން އެނގޭނަމަ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ޒަރިއަންދު ކިބައިން އެދިފައެވެ.
ފަހުން ޒަރިއަންދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝަހުސް އޮލުވާލައިގެން ފޭކް އެކައުންޓްތަކުން އޭނާ ޓްވީޓް ނުުކުރާނެ ކަމަށް ވިދާޅުވެެފައެވެ. އަދި އޭނާ ވިދާޅުވާ އެއްޗަކާ، އަދާކުރައްވާ މަސްއޫލިއްޔަތާ ގުޅުމެއް ނެތް ކަމަށާ މީހަކަށް ދެއްކޭނެ ބިރެއްވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"..ތިޔަ ދަންނަވާ ބޭފުޅުންނަށް އަޅުގަނޑު މާ ރަނގަޅަށް އެނގޭނެ." އޭނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ދަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަދަ ބައެއް މަސައްކަތްތައް ހިނގާ ގޮތާމެދު ތަފާތު ސުވާލުތައް މީހުން ގެންދަނީ އުފައްދަމުންނެވެ.