ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ އެވެ.

މިދިޔަ ޑިސެންބަރު މަހު ފެތުރެން ފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގައުމަކަށް މި ބަލި ފެތުރި މިރޭގެ ނިޔަލަށް 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން ތިންލައްކައެއްހާ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުންދާ 1.3 މިލިއަން މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އެތައްހާސް މީހުންގެ ހާލު ދެރަ އެވެ.

ވަރަށް މަދު ގައުމަކުން ނޫނީ ކޮވިޑް-19 ވަނީ ފެތުރިފަ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބައެއް ގައުމުތަކުގައި މި ބަލި ދނީ ވަރަށް ހަލުއި ކަމާއެކު ފެތުރެމުންނެވެ. އެންމެ ބޮޑަށް ފެތުރެމުން ދަނީ އެމެރިކާގަ އެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިންގެ ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ރާއްޖެއިން ގޮސްފަ އެވެ.

ފަރުވާދެމުން މިހާރު ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ.

އަދި މިއީ ދުނިޔެއަށް ބަލާމުސީބާތެއް ކަމުގައި ޑަބްލިއުއެޗްއޯއިން ވެސް ވަނީ ކަނޑައަޅާފަ އެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ގެއްލުންތައްވާން ފަށާފައެވެ.

އެކަމުގެ ސަބަބުން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެކަމަށް އދ. އިން ވަނީ ލަފާކޮށްފަ އެވެ.