ލައިފްސްޓައިލް

އިންޑިޔާގައި ކޮރޯނާ ކުމާރީ އާއި ކޮރޯނާ ކުމާރެއް

އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ކަޑާޕާ އަވަށުގައި އުފަންވި ދެ ކުއްޖަކަށް ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ދީފި އެވެ. ކޮރޯނާވައިރަހުގެ ވަބާގެ ބިރުވެރިކަން މުޅި ދުނިޔެއާ ކުރިމަތިވި އިރު ތައްލަޕައްލީ އަވަށުގެ ސަސީކާލާ އާއި އަލިރައްޑީޕެލީގެ ރާމްދޭވީ އިނީ ބަލިވެ އެވެ. މި ދެ މީހުން ވެސް ވިހަން ދިޔައީ އެއް ހޮސްޕިޓަލަކަށެވެ.

ސަސީކާލާ ވިހެއީ މާޗް 29 ވަނަ ދުވަހު އެވެ. އަދި ރާމާދޭވީ ވިހެއީ އޭޕްރީލް ހަ ވަނަ ދުވަހު އެވެ. ސަސީކާލާއަށް އަންހެން ކުއްޖެއް ލިބުނުއިރު ރާމާދޭވީ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

އެމީހުން ވިއްސި ޑޮކްޓަރުން އެދިގެން އެ މީހުން ވަނީ ދަރިންނަށް ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ކިޔާފަ އެވެ.
މީގެ ތެރެއިން ސަސީކާލާގެ ޑޮކްޓަރު އެސްއެފް ބާޝާ އޭއެންއައި ނިއުސް އަށް ވިދާޅުވި ގޮތުގައި ސަސީކާލާ ވިހެއުމުގައި މައްސަލަތައް ދިމާވެ ސިޒޭރިއަން ހަދައިގެން ކުއްޖާ ނެގީ ކަމަށާއި އޭނާއަށް ލިބުނު އަންހެން ދަރިފުޅަށް ކޮރޯނާ ކުމާރީގެ ނަން ދީފައިވާ ކަމަށެވެ.

ސަސީކާލާގެ ފިރިމީހާ ބުނީ ޑޮކްޓަރު އެގޮތަށް އެދުމުން އޭނާ ވެސް އެކަމާ އެއްބަސްވެ ދަރިފުޅަށް ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ދިނީ ކަމަށެވެ.

ރާމާދޭވީ ވެސް އޮޕަރޭޝަން ކޮށްދިނީ ޑރ. ބާޝާ އެވެ. އެހެންވެ މިކުއްޖާއަށް ވެސް ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ކިޔަން ޑޮކްޓަރު އިރުޝާދު ދިނުމުން އެކަމާ އެއްބަސްވެ ކޮރޯނާ ކުމާރު ކީއެވެ.

މީގެ ކުރިން އެ ގައުމުގެ މަދްޔާޕްރަދޭޝްގައި އުފަންވި ކުއްޖަކަށް ލޮކްޑައުން ކިޔާފައި ވެއެވެ. އެ ކުއްޖާއަށް އެ ނަން ދިނީ ލޮކްޑައުންގެ ސަބަބުން މީހުންގެ ހާސް ކަމާއި ފިކުރު ބޮޑުވުން ހުރި ވަރަށް ބަލާފައި އަބަދުވެސް މި ދުވަސްތަކުގެ މަތިން ހަނދާން ވާނެ ގޮތެއް ހެދުމުގެ މަގްސަދުގައި ކަމަށެވެ. މި ނަން އޭނާގެ އަންހެނުންނަށް ވެސް ވަރަށް ކަމުދިޔަ ކަމަށާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމު ކޮރޯނާވައިރަހުން ސަލާމަތް ކުރައްވަން އެޅުއްވި ހަރުދަނާ ފިޔަވަޅަކަށް ލޮކްޑައުން ވާތީ އެ ނަން ކިއުމަކީ ލިބުނު އުފަލެއް ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.