ބާސެލޯނާ

ބާސާގެ މެނޭޖުމެންޓްގައި މައްސަލަ ހޫނު ވެއްޖެ

އެފްސީ ބާސެލޯނާގެ މެނޭޖުމެންޓްގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް ފެންމަތިވެ، ކުލަބުގެ ދެ ނައިބު ރައީސުން ހިމެނޭ ގޮތަށް ބޯޑުގެ ހަ މެންބަރުން އިސްތިއުފާ ދީފި އެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު، ކުލަބު ހިންގާ ގޮތާ މެދު ފާޑު ކިޔައި، އިސްތިއުފާ ދިން ހަ މެންބަރުން ވަނީ އަވަސް އިންތިހާބަކަށް ދިއުމަށް ގޮވާލާފަ އެވެ. މިދިޔަ ދެ އަހަރު ފާހަގަ ކުރެވިފައި ވަނީ ބާސާގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ފެންމަތިވި އަހަރެއްގެ ގޮތުގަ އެވެ. މިފަހުން މައްސަލަ އިތުރަށް ފެންމަތިވީ، ކުލަބުގެ މުސާރަތައް ދަށް ކުރުމުގައި ބާޓެމެއު އާއި ބޯޑުގައި ތިބި އޭނާގެ ވަފާތެރިން ކަންތައްތައް ކުރި ގޮތުންނެވެ.

މިދިޔަ އަންގާރަ ދުވަހު، ބާޓެމެއު ވަނީ ބާސާގެ ނައިބު ރައީސް އެމިލީ ރޯސައުޑް އާއި ދެ ވަނަ ނައިބުރައީސް އެންރީކޭ ޓޮމްބަސް އަދި ބޯޑް ޑައިރެކްޓާ ސިލްވިއޯ އެލިއަސް އަދި ޖޯސްޕް ޕޮންޓް އިސްތިއުފާ ދިނުމަށް ބާރު އަޅަން މަސައްކަތް ކޮށްފަ އެވެ. މަގާމުގައި ތިބެގެން އެ ފަރާތްތަކުން ވަނީ ބާޓެމެއު އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެ ހަތަރު މީހުންނާއެކު ބޯޑު މެންބަރުންގެ ތެރެއިން ޖޯޑީ ކަލްސަމީލިއާ އަދި މާރިއާ ޓެއިސީޑޯ ވަނީ އިސްތިއުފާ ދީފަ އެވެ.

ބޯޑުގެ އެ ހަ މެންބަރުން އިސްތިއުފާ ދިން ނަމަވެސް، އަންނަ އަހަރު އޮންނަ އިންތިހާބާ ހަމައަށް ބާސާގެ ބޯޑު ގެންދިއުމުގެ ފުރުސަތު ބާޓެމެއުއަށް އެބައޮތެވެ. ކުލަބުގެ ގަވާއިދުގައި ބުނެފައި ވަނީ، ބޯޑުގެ ސައްހަކަން ގެއްލޭނީ، ބޯޑުގެ 50 ޕަސަންޓް އިސްތިއުފާ ދިނުމުން ކަމަށެވެ.

ބާސާގެ ރައީސް ކަމުގައި، ބާޓެމެއު އާއެކު ބޯޑަށް ކުރިމަތިލި ބައެއް މަންބަރު މީގެ ކުރިންވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އެހެންނަމަވެސް އޭރު އިސްތިއުފާ ދިން މެންބަރުންގެ ބަދަލުގައި ފަހުން މެންބަރުން އައްޔަން ކުރި އެވެ.

ކުލަބު ހިންގާ ގޮތާމެދު، ބާސާގެ ކުރީގެ ކުޅުންތެރިންނާއި ކުރީގެ ބޯޑުމެންބަރުން ވަނީ ވަނީ ވަރަށް ބޮޑަށް ފާޑިކުޔުން އަމާޒު ކޮށްފަ އެވެ. ބާސާގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވަނީ، ބާޓެމެއުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، އޭނާ އިސްތިއުފާ ދިނުމަށް ގޮވާލާ ޕެޓިޝަނެއްވެސް ތައްޔާރު ކޮށްފަ އެވެ.