ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުބާއީ އިން 7.4 ޓަނުގެ މުދާ ގެނެސްފި

ދުބާއީ އިން، ރާއްޖެއަށް ބޭނުންވާ 7.4 ޓަނުގެ މުދާ މޯލްޑިވިއަނުން ރޭ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަން އިން ރޭ ރާއްޖެ ގެނައި މުދަލުގެ ތެރޭގައި ހިމެނެނީ މޭވާ އާއި ތަރުކާރީ އަދި މި ވަގުތަށް ބޭނުންވާ އެންމެ ޒަރޫރީ މުދަލެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިންނާއި ރާއްޖެއަށް މުދާ ގެންނަ ގިނަ ގައުމުތަކުގެ ދަތުރުފަތުރު ހުއްޓާލާފައި ވާތީ، މޯލްޑިވިއަނުން ދަނީ ރާއްޖެއަށް ބޭނުންވާ ކާގޯ ގެނައުމަށް ބައެއް ގައުމުތަކަށް ކާގޯ ފްލައިޓްތައް ބާއްވަމުންނެވެ.

އެގޮތުން މޯލްޑިވިއަން އިން ވަނީ ތައިލެންޑުން 11 ޓަނުގެ މުދާ ރާއްޖެ ގެނެސްފަ އެވެ. މީގެ އިތުރުން ސްރީލަންކާއާއި އިންޑިއާއިން ވެސް ވަނީ ރާއްޖެއަށް މުދާ ގެނެސްފަ އެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވަން ބޭނުންވާ އެހީގެ ތަކެތި ދިނުމަށާއި ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ވެސް މޯލްޑިވިއަނުން ދަނީ ފްލައިޓްތަކެއް ބާއްވަމުންނެވެ.

މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ވަނީ އިންޑިއާގައި ތިބި 200 ދިވެހިންނާއި، ލަންކާގައި ތިބި 100 ދިވެހިންނާއި، މެލޭޝިއާގައި ތިބި 197 ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އެ އެންމެން ތިބީ ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ކަރަންޓީނަށް ގެންގޮސްފަ އެވެ.