ރާއްޖޭން ނުލިބޭ ފަރުވާ ހޯދަން މިއަދު ހެނދުނު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާ ބޯޓުގައި އިން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން، ބޯޓު ހުއްޓުވައިފި އެވެ.
އެޗްއީއޯސީން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް މީހުން އަރުވައި، ފުރަން ތައްޔާރުވެފައި ވަނިކޮށް، އެ ބޯޓުގައި އިން ފަސަންޖަރެއްގެ ކޮވިޑު ޓެސްޓުގެ ނަތީޖާ ލިބުނު އިރު، އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން، ބޯޓު ފުރުން ހުއްޓުވައި، ޕޮޒިޓިވްވި މީހާއެކު، އެހެން ފަސަންޖަރުން ވެސް ބޯޓުން ބާލައި ފުރުމުގެ ކުރިން ބޯޓު ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ސެންޓަރުން އިތުރަށް ބުންޏެވެ. އަދި އޭގެ ފަހުން އެ ބޯޓުން ދަތުރު ކުރާ އެހެން ދެ މީހަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވެއެވެ.
މޯލްޑިވިއަންގެ ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވެސް އަވަސް އަށް ވިދާޅުވީ، ބޯޓު ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށާއި، އެކަން ނިމުމާއެކު މިއަދު ބޯޓު ފުރާނެ ކަމަށެވެ.
އެގޮތުން، މިއަދުގެ މެންދުރުފަހު 3:00 ހާއިރު، އިންޑިއާއަށް ފުރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސަ ވިދާޅުވި އެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެގޮތުން، 137 މީހުނާއެކު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ކުރިއާ ހިލާފަށް ބަލި ޖެހޭ މީހުންގެ ތެރެއަށް ދިވެހިންގެ އަދަދު ގިނަވާތީ، ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި އެކަން ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައި ވެއެވެ.
އިއްޔެގެ ރެކޯޑް އަދަދާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފަ އެވެ. އަދި ލޮކްޑައުން އުވާލިފަހުން، މިހާރު ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ދިވެހީންގެ އަދަދު ވަނީ ބިދޭސީންނަށް ވުރެ މައްޗަށް އަރައިފަ އެވެ.