ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާ ސިފައިންގެ ކަރަންޓީނު ސުވާލަށް ޖަވާބެއް ނުދިން

Sep 8, 2020
2

މިއަދު ހެނދުނު އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއްގައި އައި ރާއްޖެއަށް ފޭބި އިންޑިއާ ސިފައިން ކަރަންޓީނާ ގުޅޭ ސުވާލަށް ގައުމީ ދިފާއީ ބާރު (އެމްއެންޑީފު) އިން ޖަވާބެއް ނުދިނެވެ.

އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓުތަކެއް ރާއްޖެއަށް މިއަދު ހެނދުނު ޖައްސަނިކޮށް ނަގާފައިވާ ފޮޓޯތަކާއެކު އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ އެ މަތިންދާބޯޓުތައް ރާއްޖެ އައިސްފައި ވަނީ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމަށް އިންޑިއާ ސިފައިންނާ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓް އަންނާނެ ކަމަށާއި، ނަމަވެސް އޮޕަރޭޝަނުގައި ބޭނުން ކުރާނީ އެންމެ ފްލައިޓެއް ކަމަށެވެ.

"އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓު އަންނާނެ. އެއީ ބެކަޕް ފްލައިޓަކާއި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓެއް. އެތަނުން ބެކަޕް ފްލައިޓު އާއްމުކޮށް އަންނަ ދުވަހު ފުރާނެ. އެގޮތުން، ބެކަޕް ފްލައިޓު އެނބުރި މިއަދު އެނބުރި ފުރާނެ،" އާޒިމް ވިދާޅުވި އެވެ.

އަދި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އާޒިމް އެހެން ވިދާޅުވުމަށްފަހު އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއަން ނޭވީއާ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އިންޑިއަން ނޭވީގެ ޑޯނިއާ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ،" ބަޔާނުގައި ބުންޏެވެ.

ކަރަންޓީނު ކުރާ ސުވާލަށް ހަނު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ މަތިންދާ ބޯޓުތައް އައި ސަބަބު ސާފުކޮށްދިން ނަމަވެސް، އޭގައި އައި އިންޑިއާ ސިފައިންގެ އަދަދެއްވެސް ނުބުނެ އެވެ.

އަދި ކޮވިޑް-19 އިގެ ހާލަތުގައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މިއަދު އައި އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް އެމްއެންޑީއެފުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އިންޑިއާއަކީ މިހާރު ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ގައުމަށްވެފައިވާއިރު، އިންޑިއާގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ 4.2 މިލިއަނަށް އަރާފަ އެވެ.

މިއަދު އައި އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، އެޗްޕީއޭ އާ ސުވާލު ކުރުމުން، އެތަނުންވެސް އެކަމަށް ޖަވާބެއް ލިބޭ ގޮތެއް ވަނީ ނުވެފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބޭ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވަނީ ވިދާޅުވެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ޝަމާލް އެހެން ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިންގެ ގިނަ ބަޔަަކު ރާއްޖެ ބައެއް ސަރަހައްދުތަކުގައި ގާއިމުވެ ތިބެ އެވެ. އަދި އިންޑިއާއިން ރާއްޖޭގައި "ހަދިޔާކޮށް" ހަމަ އެކަނި އިންޑީއާ ސިފައިން ބޭނުން ކުރާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ގައިމުގެ ތިބެ އެވެ. އިންޑިއާ ސިފައިންގެ ބަޔަކު އަކި ނަން ނަމުގައި ތިބޭ ތިބުމާމެދު ދިވެހި ރައްޔިތުންގެ ތެެރެއިން ގިން ބަޔަކު ދެކޮޅު ހަދާއިރު މިހާރު ވެސް "އިންޑިއާ އައްޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގައި ވަރަށް ފުޅާކޮށްފައި ވެއެވެ.