ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގެ މަނަވަރުން ދިއަ ތިން މީހަކު ޕޮޒިޓިވް: ސަރުކާރު

May 17, 2020

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ތިން މީހަކު އެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު ވިދާޅުވީ މަނަވަރަކުން އަނބުރާ އިންޑިއާއަށް ދިޔަ ތިން މީހަކު ޕޮޒިޓިވްވެފައިވާކަން އިންޑިއާ ސަރުކާރު މެދުވެރިކޮށް ޔަގީންކުރެވިފައިވާ ކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވަނީ، ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީއަށް ދިޔަ ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ، އެނބުރި ދިއުމާ އެކު، އެ ބައްޔަށް ޓެސްޓު ކުރުމުންނެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، އެ ތިން މީހުނަކީވެސް ބައިސަން ކުންފުނީގައި ވަޒީފާއަދާ ކުރަމުންދިއަ މީހުން ކަމަށާއި، ނަމަވެސް، އެ މީހުނާ ގުޅޭ އިތުރު މައުލޫމާތުތައް އެނގޭނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކު ވިދާޅުވީ، އިންޑިއާ ސަރުކާރުން އެދުމުގެ މަތިން، ރާއްޖޭން އެނބުރާ އިންޑިއާއަށް ގެންދެވޭ މީހުން ފުރުވާލަނީ ހަމައެކަނި ވައިޓަލްސް ނެގުމަށްފަހު ކަމަށެވެ. އަދި އެ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް ހަމަޖައްސާފައިއޮތީ، އެ މަނަވަރު އިންޑިއާއަށް ގޮސް ބަނދަރުކުރާ ޕޯޓެއްގައި ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ރާއްޖެ އިން ގެންދާ އިންޑިއާ މީހުން ފުރަތަމަ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، މިހާތަނަށް ރާއްޖޭގައި ތިބި ހާހެއްހާ އިންޑިއާ ރައްޔިތުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.