ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

އެކަށީގެންނުވާ ތަންތަނުގައި އުޅޭ ބިދޭސީން ބަދަލު ކުރަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން، ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި އުޅެމުންދާ ބިދޭސީން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާ ފަދަ ހާލަތްތަކުގައި ތިބި ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ފުލުހުންނާއި ސިޓީ ކައުންސިލާއި އިމިގްރޭޝަން އަދި އިކޮމިކް މިނިސްޓްރީ އާއި ގުޅިގެން ސަރުކާރުން ހުޅުމާލޭގައި ހަދާފައިހުރި އެކޮމޮޑޭޝަން ބްލޮކްއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ޝިފާ ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކޮށްފައި ހުރި އެކޮމޮޑޭޝަން ބްލޮކަކީ އަމިއްލަ ފަރާތަކުން މީގެ ކުރިން ބިދޭސީން ބައިތިއްބަން ހަދާފައިވާ ތަނެއް ކަމަށާއި ނަމަވެސް އެތަން ހެލްތު މިނިސްޓްރީން އަންގާފައިވާ ފެންވަރަށް މަރާތު ކޮށް ބަދަލު ކޮށްފައި ވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހިދާނެ މަސައްކަތްތައް ފަސޭހަ ކުރުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި މާލޭ ސިޓީގެ ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ މި މަހު ފަށާފަ އެވެ.

އެގޮތުން މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއްގެ މައުލޫމާތާއި އަދި ވިލިމާލޭގެ 51 ތަނެއް ބަލައި މައުލޫމާތު މި މަހުގެ ހަތްވަނަ ދުވަހާއި ހަމަޔަށް ވަނީ އެއްކޮށްފަ އެވެ.

ޝިފާ ވިދާޅުވީ ބިދޭސީން ދިރިއުޅޭ ހާލަތު ބަލަމުން ދިޔައިރު ތިން ޝިފްޓަށް ބަހާލައިގެން ނިދާ މީހުންވެސް ފެނުނު ކަމަށެވެ. އަދި ނިދާ ކޮޓަރީގައި ކައްކައި ކައިގެން އުޅޭ ބިދޭސީން ވެސް ތިބި ކަމަށެވެ.

އަދި ވިދާޅުވީ އެފަދަ ހާލަތްތަކުގައި ތިބި ބިދޭސީންގެ ތެރެއިން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ބިދޭސީން ބަދަލު ކުރާނެ ކަމަށާއި އެ މީހުންގެ ހާލަތު ރަނގަޅު ކުރަން އިތުރު އެކޮމޮޑޭޝަން ބްލޮކްތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"ބިދޭސީންގެ ހާލަތު ބަލަމުން ދިޔައިރު އަޅުގަނޑުމެންނަށް ފާހަގަވި ތިން ޝިފްޓަށް ބަހާލައިގެން ނިދާ މީހުން ވެސް. މިއީ ހަމަ ވަރަށް ވެސް އިންސާނިއްޔަތުކަން ކުޑަ ކަމެއް އެހެން ނޫންތޯ؟ އެކަށީގެންވާ ފާހާނާއެއް އަދި ބަދިގެ އެއް ނެތް ތަންތަން ވެސް ވަރަށް ގިނަ. އިންސާނުން އުޅެން ހެޔޮ ނުވާ ވަރުގެ އެތަށް ތަނެއް އެބަހުރި މާލޭގަ. މިއީ މިފަދަ ދަނޑިވަޅެއްގައި ބަލި ފެތުރިގެންދާން ނުލާހިކު ފަސޭހަ ހާލަތެއް،" އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ބަދަލުކުރާ ބިދޭސީންގެ މައުލޫމާތު ހޯދައި ބިދޭސީ މީހާ ރާއްޖެ ގެނައި ފަރާތަށް އެކަން އަންގަމުންދާނެ ކަމަށާއި އަދި އެފަދަ ގޮތަކަށް ބިދޭސީން ނުބޭތިއްބުމަށް ވެސް އަންގާނެ ކަމަށެވެ.

މާލޭގެ މޭޔަރު ވިދާޅުވީ ގިނަ ފަރާތްތަކުން ބިދޭސީ މީހާއަށް ފައިސާ ދިނުމަށްފަހު އޭނާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް ފުރޭނެ ގޮތެއް ވަންދެން އެ ބިދޭސީން ރިސޯޓުތަކުގައި ބޭތިއްބޭނެ އިންތިޒާމެއް ހަދައިދޭން ޖެހޭނެ ކަމަށާއި މާލެއަށް ނުވަތަ އެހެން ރަށަކަށް ފޮނުވާލާނަމަ އެ މީހަކު ހުންނާނެ ތަނެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަށް ފޮނުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާތަނަށް 837 މީހަކު އަނބުރާ ގައުމަށް ދާން ބޭނުންވެގެން އެކަން ސަރުކާރަށް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މި މީހުންގެ ތެރެއިން ޕާސްޕޯޓް އޮތީ 150 މީހުން އަތުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 40،000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.