ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓްގެ ޝަރީއަތްތައްވެސް ވީޑިއޯ ކޮންފަރެންސްކޮށް

ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދު ކޮށްފައި ހުންނަ މުއްދަތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު އާންމުކޮށް އަމަލު ކުރަން ފަށައިފި އެވެ.

އެ ކޯޓުން މިއަދު އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު ވަނީ ބަޔާންކޮށްފައެވެ.

އަދި، ކުރިން ތާވަލުކުރެވިފައިވާ ޝަރީއަތްތަކާއި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީއަތް ހިންގުމުގައި އަމަލު ކުރާނެގޮތުގެ ތަފުސީލުވެސް އެ އުސޫލުގައި ހިމެނެއެވެ.

މީގެ އިތުރުން، އީ-މެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ 10 ކުން 14 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ބެހެއްޓުމަށްވެސް އުސޫލުގައި ހިމަނާފައިވެއެވެ.