ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފައިވަނީ ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވާ، އެޖެންޑާވެސް އާންމު ކޮށްފައި ވަނިކޮށެވެ. އެގޮތުން މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ހުށައަޅާފައިވާ ދެ ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ.

ނަމަވެސް މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވަނީ މާދަމާގެ ޖަލްސާ ކެންސަލް ކުރައްވާފައިވާ ކަމަށް ވިދާޅުވެ މެސެޖެއް ލިޔުއްވާފައެވެ. ކޮވިޑް19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މި ދެ ހަފްތާގައި ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ.

މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ މާދަމާގެ ޖަލްސާގެ އިތުުރުން އަންގާރަ އަދި ބުދަ ދުވަހުވެސް ޖަލްސާއެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާއިން މަސައްކަތް ކުރަމުންދަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އެ އިދާރާގައި އާންމު އުސޫލުން ކުރިއަށް ގެންދެވޭނެ ކަމަށް ބަލައިގެން ކަމަށެވެ.

މަޖިލީހުގެ މި ހަފްތާގެ ޖަލްސާތައް ކުރިއަށް ނުގެންދަން ނިންމިއިރު މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އެކަމާ ގުޅޭގޮތުން އަވަސް ނިންމުމުންތަކެއް ނިންމަން ވަނީ ޖެހިފައެވެ. ނަމަވެސް ސަރުކާރުން ހުށައެޅި ގޮތަށް މަޖިލީހުން ބިލްތައް ފާސްނުކުރެވި، މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.