ޗެލްސީ

ޗެލްސީގެ ކުރީގެ ކީޕަރު ބޮނެޓީ މަރުވެއްޖެ

ޗެލްސީގެ ކުރީގެ ކީޕަރު، ޕީޓާ ބޮނެޓީ އުމުރުން 78 އަހަރުގައި ރޭ މަރުވެއްޖެ އެވެ.

އޭނާގެ މަރާ ގުޅިގެން ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ބޮނެޓީ ހިމެނޭނެ ކަމަށެވެ. ޗެލްސީގެ ކެޕްޓަން ސެޒޭ އެޒްޕްލިކްއޭޓާ ބުނީ، ބޮނެޓީ އަކީ ޗެލްސީގެ ހަގީގީ ލެޖެންޑެއް ކަމަށެވެ.

ޗެލްސީގެ ބަޔާނުގައި ބުނެފައި ވަނީ، ބޮނެޓީ މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހުގައި ކަމަށެވެ. ގޯލްގައި، އޭނާގެ ހަރަކާތްތައް އަވަސް ކަމުން ވަނަމެއްގެ ގޮތުގައި އޭނާއަށް ކިޔަނީ "ދަ ކެޓް" އެވެ. ޗެލްސީގެ ޓީމަށް އޭނާ ކުޅެން ފެށީ އުމުރުން 18 އަހަރުގައި 1960 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމަ ކްލީން ޝީޓް މެޗުވެސް އެ އަހަރު ފުރިހަމަ ކުރި އެވެ.

ޗެލްސީއަށް ކުޅުނު 729 މެޗުގައި، 208 ކްލީން ޝޫޓް ފުރިހަމަ ކުރި އެވެ. އެ ރެކޯޑް މުގުރާލެވުނު ހަމައެކަނި ކީޕަރަކީ ޗެލްސީގެ ކުރީގެ ކީޕަރު ޕީޓާ ޗެކެވެ. އޭނާ އަށް އެ ރެކޯޑް މުގުރާލެވުނީ 2014 ވަނަ އަހަރު އެވެ.

ބޮނެޓީއަށް، ވުރެ ގިނައިން ޗެލްސީގައި މެޗު ކުޅެފައި ވަނީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ކުރީގެ ޑިފެންޑަރު ރޮން ހާރިސް އެވެ. އޭނާ ވަނީ ޗެލްސީއަށް 795 މެޗުގައި ކުޅެފަ އެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ހަ މެޗު ކުޅުނު ބޮނެޓީ، ގައުމީ ޓީމުގައި ގިނައިން ހޭދަ ކޮށްފައި ވަނީ ބަދަލު ކީޕަރެއްގެ ގޮތުގަ އެވެ. އިންގްލެންޑުން 1966 ގެ ވޯލްޑް ކަޕް ހޯދިއިރު އެ ޓީމުގެ ސްކޮޑްގައި ބޮނެޓީ ހިމެނުނެވެ. އޭނާ ވަނީ މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލު މެޗުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ފަހަތުން އަރައި ހުޅަނގު ޖަރުމަން މޮޅުވީ ބެނޯޓީއަށް ހެދުނު މިސްޓޭކަކުންނެވެ.

ޔޫރަޕިއަން ކަޕްވިނާސް ކަޕްގެ ފައިނަލުގައި 1971 ވަނަ އަހަރު ޗެލްސީން ރެއާލް މެޑްރިޑްގެ މައްޗަށް މޮޅުވިއރު ޗެލްސީގެ ގޯލްގައި ހުރީ ބޮނެޓީ އެވެ.