ލައިފްސްޓައިލް

އާނަންދު މެހެންދުރޫގެ ރެސްޓޯރަންޓްތަކަށް ކެޔޮފަތް

އިންޑިޔާގެ މަޝްހޫޜު ވިޔަފާރިވެރިޔާ އާނަންދު މެހެންދުރޫގެ ފެކްޓްރީތަކުގައި މަސައްކަތްކުރާ މީހުން ކެއުމަށް ބަހައްޓާ ތަށީގެ ބަދަލުގައި ކެޔޮފަތުގައި ކާން ދޭން ފަށައިފި އެވެ. މިއީ ކޮރޯނާވައިރަސްގެ ސަބަބުން ފަތްކޭޔޮ ހައްދާ މީހުންގެ ވިޔަފާރި ހީނަރުވެފައި ވާތީ އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެކެވެ.

އިންޑިޔާ ބަންދު ކޮށްފައި އޮންނަތާ މަހަކާ ކައިރިވެފައިވާއިރު ލޮކްޑައުންގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ އެ ގައުމުގެ ދަނޑުވެރިންނެވެ. އެތައް ހާސް ދަނޑުވެރިންނަކަށް އެމީހުން ހައްދާފައިވާ ކާބޯ ތަކެތި ވިއްކޭނެ ގޮތެއް ނެތި ވަރަށް ހާލަތު ގޯސް ވެފައި ވެއެވެ. އެހެންވެ މި މީހުންނަށް ކޮންމެވެސް ވަރެއްގެ މަދަދެއް ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންގެ ފަތްކެޔޮގަސްތަކުގައި ހުރި ކެޔޮފަތްތައް ގަނެ ރެސްޓޯރަންޓްތަކުގައި ބޭނުންކުރަން މަހިންދުރަ ގްރޫޕްގެ ޗެއާމަން އާނަންދް މެހެންދުރޫ ނިންމީ އެވެ.

އާނަންދުގެ ފެކްޓްރީތަކުގައި އެތައް ހާސް ބަޔަކު މަސައްކަތް ކުރެ އެވެ. މި މީހުން ކެއުމަށް ކޮންމެ ދުވަހަކުވެސް އެތައް ހާސް ތައްޓެއް ބޭނުންވެ އެވެ. އާނަންދު މިކަން އިސްނަގާ ކުރަން ފެށީ ވަރަށް ދުވަސްވީ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޕަދްމާ ރާމްނާތުގެ ޚިޔާލަކަށެވެ.

އާނަންދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ރިޓަޔާ ކޮށްފައިވާ ނޫސްވެރިޔާ ޕަދްމާ އޭނާއަށް މޭލެއް ފޮނުވި ކަމަށާއި އެ މެއިލްގައި ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުން އޭނާއަށް ކޮށްދެވިދާނެ ކަމެއްގެ ގޮތުގައި ކެޔޮފަތް ގަނެ ފެކްޓްރީތަކުގައި މަސައްކަތްކުރާ މީހުންނަށް ކެޔޮފަތުގައި ކާން ދިނުން ރަނގަޅުވާނެ ކަމަށް ޚިޔާލު ދިފައިވާ ކަމަށެވެ.

އެހެންވެ ނޫސްވެރިޔާ މި ދިން ރަނގަޅު ލަފަޔާއެކު އޭނާ އެ މަސައްކަތް ފެށީ ކަމަށް އާނަންދު ބުނެފައި ވެއެވެ. މި ޓުވީޓާއެކު އާނަންދު ވަނީ އޭނާގެ ފެކްޓްރީގައި މަސައްކަތްކުރާ މީހުން ކެޔޮފަތުގައި ކާން ތިއްބާ ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާ ކޮށްފަ އެވެ.

އާނަންދުގެ ޓުވީޓާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ތައުރީފުކޮށްފަ އެވެ. އަދި އޭނާ ކަހަލަ ނިކަމެތިންނާ އަޅާލާ ވިޔަފާރިވެރިން މަދުން ނަމަވެސް ތިބީތީ އުފާކުރާ ކަމަށް ވެސް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.