އެފްއޭއެމް

އެފްއޭއެމް ކިޔައިދެނީ އުފަލާއި ހިތާމައިގެ ފައިނަލް

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް ވަނީ ހުއްޓާލާފަ އެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް ފުޓްބޯޅައިގެ ހަރަކާތްތައް މުޅިން ހުއްޓާލާފައިވާތާ އެއް މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެފްއޭއެމްގެ އޮފީސް ވެސް ބަންދުކޮށް މަސައްކަތް ހިފައިގެން މުވައްޒަފުން ތިބީ ގޭގަ އެވެ.

އަމަލީ ގޮތުން އޮފީހުގެ މަސައްކަތް ނެތް ނަމަވެސް އާންމުންނާ މުއާމަލާތް ކުރަން އޮންނަ ގުޅުން އޮތީ ފުޅާ ކޮށެވެ. ރަސްމީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް އާންމުންނަށް، އެ އެސޯސިއޭޝަންގެ ހިދުމަތް ހޯދޭނެ މަގެއް އޮތީ ހުޅުވާލެވިފަ އެވެ. އާންމުންނާ އޮންނަ އިންޓަރެކްޓިވް ގުޅުން، މިހާލަތުގައި ބަދަހި ކޮށްދިނީ އެފްއޭއެމްގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުންނެވެ.

ފުޓްބޯޅައިގެ ކުރީގެ ވާހަކަތަކެއް އެފްއޭއެމްއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ހުރިހާ ޕޯސްޓެއްގެ ތެރެއިން ވެސް އާންމުންނާ ސީދާ ގުޅޭ ދެ ޕޯސްޓެއްގެ ވާހަކަތައް ހިއްސާ ކޮށްލާނެމެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި އެންމެ ދެރަވި ދުވަހާއި އެންމެ އުފާވެރި ދުވަހެވެ. ސާފް ޗެމްޕިއަންޝިޕްގެ ދެ ފައިނަލެއްގެ ވާހަކަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ 2003 ގެ ފައިނަލުގައި ބަންގުލަދޭޝް އާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 އިގެ ފޮޓޯ އެފްއޭއެމްގެ ޕޭޖުގައި ޕޯސްޓް ކޮށްފައި ވެެއެވެ. ތޭރަ އަހަރު ކުރީގެ ފައިނަލުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ހިތްދަތި ގޮތަކަށެވެ. އެ ގައުމުގެ ކުރީގެ ސްޓައިކަރު ރޮކޮނުއްޒަމާން ކަންޗަން، މެޗުގެ ކުރީކޮޅުގައި އެ ޓީމަށް ލަނޑު ޖަހައިދިފައި ވަނިކޮށް، ދެ ވަނަ ހާފުގައި ރާއްޖޭގެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެފްއޭއެމްގެ މިހާރުގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީ އަލީ އުމަރު ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 އެއްވަރުވެ ރަންގޯލުން ނަތީޖާ ނެރެވެންގެން ކުޅުނު ދެ ހަފާުގައި ވެސް ލަނޑެއް ނުޖެހުމުން ޕެނަލްޓީއަށް ގޮސް ރާއްޖެ ބަލިވީ 5-3 ންނެވެ.

އެފްއޭއެމްގެ ޕޯސްޓް

އެއީ އޭރު، ހަތަރު އަހަރު ތެރޭ ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި ދެ ވަނަ ފައިނަލެވެ. ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ވެސް ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން ލަންކާ އަތުންނެވެ. އަލުން 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީން ބަލިވުމަކީ ރާއްޖޭގެ ސަޕޯޓަރުންނަށް ކުރިމަތިވި ހިތްދަތި ވަގުތެކެވެ. އެއީ ފުޓްބޯޅައިގައި ދިވެހިން އެންމެ ދެރަވި އެއް ދުވަހެވެ.

ސާފް ޗެމްޕިއަންޝިޕްގެ 2003 ގެ ފައިނަލްގެ ވާހަކަ އަށް ފަހު، ދެން އެފްއޭއެމުގެ ޕޭޖުގައި ހިއްސާ ކޮށްފައި ވަނީ، ވީޑިއޯ އެކެވެ. ލަންކާ އާއި ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި، އިންޑިއާ ކޮޅަށް ރާއްޖޭގެ މުހުތާރު ނަސީރު (ޓޫކިލޯ) ބާރު އުންޑައެއްހެން ވައްދާލި ގޯލްގެ ވީޑިއޯ އެެވެ. ލަންކާގެ ސުގަތަދާތަ ސްޓޭޑިއަމްގައި މެޗު ބަލަން ތިބި 10،000 ދިވެހި ސަޕޯޓަރުންގެ ސަޕޯޓްގެ އަޑުން މުޅި ސްޓޭޑިއަމް ގުޑުވާލި އެވެ.

އެ ވީޑިއޯ ޝެއާކޮށް އެތައް ބަޔަކު އެކި ޝުއޫރުތައް ފާޅު ކޮށްފައި ހުއްޓެވެ. އެފްއޭއެމްގެ ޕޭޖުން އެ ވީޑިއޯ 600 މީހުން ޝެއާ ކޮށްފައި ވެއެވެ.

2008 ގެ ސާފް ޗެމްޕިއަންޝިޕް

"ގައުމު އުފަލުން ރޮއްވާލި ގޯލު،" އެމްއެންޑީއެފްގެ މޭޖާ ކޮމާންޑް ސާޖެންޓް އަބްދުﷲ ސައީދު ފޭސްބުކްގައި އެ ވީޑިއޯ ޝެއާކޮށް ލިޔެފައި ވެއެވެ. "ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ގައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ."

އެއީ ގައުމު އުފަލުން ފޮޅުނު ދުވަހެކެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަލަތު ތަށި ހިފައިގެން ގައުމީ ޓީމު މާލެ އައި ދުވަހު ޖުމްހޫރީ މައިދާނާއި މި މާލޭގެ އެކި ސަރަހައްދުތައް ގައުމީ ކުލައިން ޒީނަތްތެރި ކުރި ދުވެހެވެ.

އެފްއޭއެމުން ސޯޝަލް މީޑީިއާގައި ހިއްސާ ކޮށްފައިވާ އެ ވާހަކަ ތަކުން އުފާވެރި އަދި ދެރަވި ދުވަސްތައް ހަނދާން އާ ކޮށްދެ އެވެ. ބަންގުލަދޭޝްގެ ދަނޑުގައި ބަލިވުމާއި 2000 ވަނަ އަހަރު ގޯލްޑަން ޖްބްލީ ފައިނަލުގައި ލަންކާ އަތުން ބަލިވި ދުވަހުގެ ހިތްދަތި ހަަނދާންތައް މި ދެ ވާހަކައިން ފިލުވައި ދެއެވެ.

ބަންގާޅުގެ ބަންގުބަންދު ސްޓޭޑިއަމް ކުރިން ވެފައި ވަނީ ރާއްޖެއަށް ހިތްދަތި ދަނޑެއްގެ ގޮތުގައެވެ. އެ ދަނޑުގައި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ދެ ފަހަރަށް ބަލިވި އެވެ. އެ ހަނދާންތައްވެސް ފުހެލައި ދެނީ 2018 ވަނަ އަހަރު ހަމަ އެ ދަނޑުގައި ރާއްޖޭގެ މިހާރުގެ ޖީލުން އިންޑިއާ ބަލި ކޮށް 10 އަހަރު ފަހުން ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައި ދިނުމުންނެވެ.