ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެބިނެޓް

ކޮވިޑް19: ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުން މަޝްވަރާކޮށްފި

ކޯވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތާނގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ޖަލްސާގައި، ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރައްވަމުން ގެންދާ މަސައްކަތް ވަޒީރުން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރަމުން ގެންދާ މަަސައްކަތްވެސް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ސަރުކާރުން ވަނީ މި ހަފްތާވެސް ބަންދުކޮށްފައެވެ. މިއީ ސަރުކާރު ބަންދުކުރި ހަތަރުވަނަ ހަފްތާއެވެ. އަދި ސުކޫލްތަކާ، ޔުނިވަސީޓީތައްވެސް ބަންދުކޮށް، ކެފޭ ހޮޓާ، ރެސްޓޯރަންޓްތަކުންވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ނޫނީ ނުދެވޭ ގޮތަށް ހަމަޖައްސާފައިވާތާ މަހެއް ވަނީއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ ހުއްޓާލާފައެވެ.

މީގެ ކުރިން ހަފްތާއަކަށް މާލެ ސަރަހައްދަށް ކާފިއުވެސް ވަނީ އިއުލާނުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 އަރާފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލިޖެހުނު ބިދޭސީންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.