ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫއޭއީގައި އުޅޭ ދިވެހިންނަށްވެސް ތަކެތި ފޮނުވައިދެނީ

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ދަތިތައް ކުރިމަތިވެފައި ވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 17 ވަަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ޔޫއޭއީއަށް ދަތުރެއް ކުރަން ނިންމާފައިވާ ކަމަށާ އެ ދަތުރުގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޮނުވައިދޭން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރާ ހުށަހަޅަން ވަނީ އެދިފަ އެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި
  • ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)
  • ހަވާދު ޕެކެޓް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)
  • ތެލުލި ބަބުކެޔޮ، އަލަ، ކުޅި ކާޖާ (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)

މިނިސްޓްރީން ބުނީ ކޮންމެ އާއިލާއަކަށްވެސް 15 ކިލޯގެ ތަކެތި ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ތަކެތި ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.