އަޅަން ޖެހޭ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް މަޖިލީހުގެ މެންބަރުން އެއްވެގެން ޖަލްސާތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ ދެ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރި ކޮށެވެ. އެކަމަކު ގިނަ ދުވަސްތަކަކަށް އެ ގޮތަށް މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އަންނަ ހަފުތާއިން ފެށިގެން ކުރިން ބޭއްވި ގޮތަށް މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެގެން ޖަލްސާ ބާއްވަން އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.
އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުންނާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއެކު މަޖިލީހުގެ ރައީސް ނަޝީދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވެވި އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވާ ތަޅުމުގައި މެންބަރުން ދުރުގައި ތިއްބަވައިގެން ބޭއްވި އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ތާއީދު ކުރެއްވީ މެންބަރުން ގައިދުރުކޮށް ތިބެގެންނާއި ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތަކާއެކު މަޖިލީހުގައި ޖަލްސާތައް ބޭއްވުމަށެވެ. އެކަމަކު އޮންލައިންކޮށް މިދިޔަ ދެ ހަފުތާ ޖަލްސާ ބޭއްވި ގޮތަށް ބާއްވަން ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.
އިގްތިސޯދީ ކޮމިޓީގެ މުގައްރިރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެ ކަމަށާއި ކޮމިޓީ ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ. އޭގައި އެއްވެސް ދަތިކަމެއް ދިމާ ނުވާ ކަމަށާއި ތާއީދު ކުރައްވަނީ ހާލަތުން އަރައިގަންދެން އެ ގޮތަށް ކުރިއަށް ގެންދިއުން ކަމަށް ބިގޭ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރު ބަންދު ކުރަން އެޗްޕީއޭއިން ލަފާ ދީފައިވާ މުއްދަތުގައި މަޖިލީހުގެ މަސައްކަތްތައް ވެސް ބައްޓަން ކުރަން ވާނީ ގޭގައި ތިއްބަވައިގެން ކުރެވޭނެ ގޮތަކަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭރުން ވެސް މަޖިލިސް ހުއްޓުމަކަށް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެޗްޕީއޭގެ އިރުޝާދުތައް ފެންނަން އެބަ ހުރި ކަމަށާއި އެ އިރުޝާދުތަކާ އެއް ގޮތަށް މަޖިލިސް ކުރިއަށް ގެންދެވެން ޖެހޭ ކަމަށެވެ. މަޖިލީހުގެ މަސައްކަތް ގެންދާނެ ގޮތަކާ މެދު އިތުރަށް އެޗްޕީއޭގެ އެންގުމަކަށް މަޑު ކުރާކަށް ނުޖެހޭނެ ކަމަށާއި ގައިދުރު ކުރުމުގެ އިރުޝާދުތަކާ އެއް ގޮތަށް ތަޅުމުގައި މަޖިލިސް ޖަލްސާތައް ބޭއްވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާޣެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތަޅުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާ ބޭއްވެން ޖެހޭނެ ކަމަށެވެ. ކުއްލިއަކަށް ހުރިހާ މެންބަރުން ތޮއްޖެހިގެން ތިބޭ ގޮތަށް ޖަލްސާ ބާއްވާ ވާހަކަ މަޖިލީހުގައި ނުދައްކާ ކަމަށާއި ސިއްހީ ތަޖުރިބާކާރުން ފާހަގަ ކުރައްވާ އާ އާންމު ހާލަތަކީ މަޖިލިސް ހުއްޓުމަކަށް ގެނައުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވެސް ވިދާޅުވީ އިންތިހާބުގެ މައްސަލަ ހިމެނޭ ގޮތަށް މި ހާލަތުގައި ވެސް މަޖިލީހުން ބަލަން ޖެހޭ ގިނަ މައްސަލަތައް އެބަ ހުރި ކަމަށެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ތަޅުމުގައި މަޖިލިސް ޖަލްސާ ބާއްވަން ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލާގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ބަސްފުޅެއް ހޯއްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަކާ އެކު އަންނަ ހަފުތާ އިން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.