ބާސެލޯނާ

އިސްތިއުފާދިން ނައިބު ރައީސަށް ބާސާއިން ދައުވާ ކުރަނީ

ބާސެލޯނާގެ ނައިބު ރައީސްގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދިން އެމިލީ ރޯސައުޑް އާ ދެކޮޅަށް ދައުވާ ކުރުމަށް ބާސާއިން ނިންމައިފި އެވެ.

ރޯސައުޑްގެ މައްޗަށް ޖިނާއީ ދައުވާ ކުރަނީ، ބާސާގެ ރައިސް ޖޯސެފް މާރިއާ ބާޓެމެއުގެ މައްޗަށް އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ. ރޯސައުޑް ވަނީ ބާޓެމެއު ކުލަބުގެ ފައިސާ ނަޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ބާސާގެ ސްޓޭމެންޓްގައި ބުނެފައި ވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް އެކި މީޑިއާތަކުގައި ރޯސަޑް ދައްކާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ކުލަބުގެ ބޯޑު ޑައިރެކްޓަރުން މީގެ ކުރިން ވެސް ހާމަ ކޮށްފައިވާނެ ކަމަށް ބަސާގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ކުލަބުގެ އަގު ވައްޓާލުމަށްޓަކައި އަސްލެތް ނެތް ތުހުމަތުތައް ކުރަމީ އެފްސީ ބާސެލޯނާއިން ބަލައި ގަންނާނެ ކަމެއް ނޫން،" ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އެވާހަކަ ތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަން ނިންމީ ކުލަބާއި ކުލަބުގެ މުވައްޒަފުންގެ މައްޗަށް ކުރެވިފައިވާ ބަދުނާމްތަކުން ދިފާއު ވުމަށް."

ބާސާއިން ވަނީ، އިސްތިއުފާ ދިން މެންބަރުންގެ ބަދަލުގައި އާ މެންބަރުން ބޯޑަށް އައްޔަން ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ހަފުތާގައި ބާސާގެ ބޯޑުން ހަ މެންބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ. ބާސާގެ އިންތިހާބު އަންނަ އަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.