ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ފިޔަވަޅުތަކާއެކު ވެސް ރާއްޖެއިން 2000 މީހުނަށް ކޮވިޑް ޖެހިދާނެ: ނަޝީދު

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ސާވޭތަކުން ފެންނަ ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 2000 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ސާވޭތަކަށް ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުރި ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖޭން ގާތްގަނޑަކަށް 8،000 މީހުނަށް ކޮވިޑް-19 ފެތުރިގެން ދާނެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ހުރި ފިޔަވަޅުތަކާ އެކުގައި ވެސް ހަމަ އެ އަދަދަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް އެ އަދަދަށް ބަލި ފެތުރޭ މިންވަރު 210 ދުވަހަށް ދަންމާލެވޭ ކަމަށް ނަޝީދު ފުރަތަމަ ވިދާޅުވި އެވެ. ފަހުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް އެންމެ ގޯސް ހާލަތުގައި ކަމަށެވެ.

މިިހާރު ހުރި ފިޔަވަޅުތަކާ އެކު ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ގޮތުގައި ލަފާ ކުރަނީ 2،000 އެއްހާ މީހުނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ގާތްގަނޑަށް 10 ޕަސެންޓް މީހުންގެ ހާލަތު ގޯސްވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ މިހާރު ރާއްޖޭގައި އަޅާފައި މިހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމާ، ގާތްގަނޑަކަށް 2000 އެއްހާ މީހުންނަށް މި ބަލި ޖެހޭނެ ކަމާއި، އޭ ގެތެރެއިން އެބޭފުޅުން އެ ވިދާޅުވާ ހާއްސަ ހާލަތަށް ނުވަތަ ނުރައްކާތެރި ހާލަތަށް 10-5 ޕަސެންޓު މީހުން ދާނެ ކަމާއި އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަށް ހުރި އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ހުރި ސިއްހީ ވަސީލަތްތަކުގެ އަދަދާއި ކޮވިޑް-19 ފެތުރިދާނެ ހާލަތަކަށް ތައްޔާރު ވާން ބޭނުންވާ އަދަދުތަކެއް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ތައްޔާރުވާން 247 އައިސީޔޫ އެނދު ބޭނުންވާއިރު މާލޭ ސަރަހައްދުގައި ހުރީ 235 އެނދެވެ. ޖުމްލަ 740 ހޮސްޕިޓާ އެނދު ބޭނުންވާއިރު، ހުރީ 687 އެނދެވެ. 197 ވެންޓިލޭޓަރު ބޭނުންވާއިރު، ހުރީ 45 ވެންޓިލޭޓަރެވެ.

މީގެ އިތުރުން 367 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 ނަރުސް އެޓެންޑެންޓުން ވެސް އިތުރަށް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ލޮކްޑައުންގެ ހާލަތަށް ގެންދަނީ ވެސް ރޯގާއަށް ތައްޔާރު ވާން އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.