ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވޭނެ

ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރަމުންދާ "މަސްޖިދު މަލިކު ސަލްމާން" ނުވަތަ ސަލްމާން މިސްކިތް ހުޅުވުން ފަސްކޮށްފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި މިސްކިތް މި ރޯދައަށް ހުޅުވަން ސަރުކާރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިމަހުގެ 24 ވަަނަ ދުވަހަކީ ކަލަންޑަރު ބުނާގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މިއަދު ވިދާޅުވީ ކޮވިޑް19 ގެ ނުރައްކާ ބޮޑުވެ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ސަލްމާން މިސްކިތް ހުޅުވުމަށް ކުރަމުންދިޔަ މަސައްކަތްތައް މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ހިތްގައިމު މިސްކިތަކަށްވާނީ މި މިސްކިތެވެ. މުޅި މިސްކިތުގައި ވަނީ ކާޕެޓް އަޅާފައެވެ. އަފްރާހް ވިދާޅުވީ މި ދުވަސްވަރު ޖަމާއަތް ހެދުން ހުއްޓާލާފައިވުމާއި، މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައްވެސް ނަގާފައިވާތީ މުޅިން ކާޕެޓް އަޅާފައިވާ މިސްކިތެއް ހުޅުވުން މިވަގުތަށް ރަނގަޅު ކަމަކަށް ނުވާތީ މިސްކިތް ހުޅުވުން ފަސްކޮށްފައިވާ ކަމަށެވެ.

"..މިސްކިތް ހުޅުވޭ ވަރަށް މަސައްކަތްތައް ވަނީ ނިމިފައި. ނަމަވެސް މިއީ މުޅިން ކާޕެޓް އަޅާފައިވާ މިސްކިތެއް. އެހެންވީމަ މި ހާލަތަށް ބެލުމަށްފަހު މިސްކިތް ހުޅުވުން ފަސްކޮށްލީ." އަފްރާހް ވިދާޅުވިއެވެ.

އަފްރާހް ވިދާޅުވީ ދެން މިސްކިތް ހުޅުވޭނެ ތާރީހެއް ބުނަން ނޭންގޭ ކަމަށެވެ.

"..ކޮވިޑްގެ ނުރައްކާ ފިލައިގެން ދިއުން ނުވަތަ މި ހާލަތު ބަދަލުވުމުން މިސްކިތް ހުޅުވުމާ ގުޅޭގޮތުން މިނިސްޓްރީން ގޮތްތަކެއް ނިންމާނެ. އެހެންވީމަ މިވަގުތު ސީދާ ދެން މިސްކިތް ހުޅުވޭނީ މިވެނި ތާރީހެއްގައި ކަމަށް ނުބުނެވޭނެ."

ފަސް ފްލޯއެއް ހިމެނޭ ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރާ ގޮތައް ހަދާފައި ވަނީ ގްރައުންޑް ފްލޯއާއި ފުރަތަމަ އަދި ދެވަނަ ފްލޯ އެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ.

މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.

މިސްކިތުގެ ތިންވަނަ ފްލޯގައި ހުންނަނީ ބޮޑު ލައިބްރެރީއަކާއި އޮޑިޓޯރިއަމެކެވެ. އެ ދެ ތަނުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ލައިބްރެރީއަށް ބޭނުންވާ ފަރުނީޗަރެއް އަދި ނެތެވެ. ހަތަރުވަނަ ފްލޯގައި އެއްކޮށް އޮންނަނީ އޮޑިޓޯރިއަމްގެ އެއް ބަޔާއި ލޮބީ އޭރިއާއެކެވެ. އަދި ފަސް ވަނަ ފްލޯއަކީ މަލްޓި ޕާޕަސް ހޯލްއެކެވެ.

ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތުގައި 41500 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ވެސް ވަނީ ހަަދައިފަ އެވެ.

މީގެ އިތުުރުން މާފަންނު މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮ މިސްކިތްވެސް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ހުޅުވޭނެ ކަމަކަށް ނުބެލެވެއެވެ. ސަރުކާރުން އަމާޒު ހިފީ މިމަހުގެ 17 ވަނަ ދުވަހު މިސްކިތް ހުޅުވުމަށެވެ.

އަފްރާގް ވިދާޅުވީ މާވެޔޮ މިސްކިތުގެ މަސައްކަތް ރޯދަ ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ. މިހާރު ކުރަމުން ގެންދަނީ ފައިނަލް މަސައްކަތްތަކެވެ.

ނަމަވެސް މި ދުވަސްވަރު މިސްކިތްތަކުގައި ޖަމާއަތް ހެެދުން ހުއްޓާލާފައިވާތީ މާވެޔޮ މިސްކިތް ހުޅުވޭނެ ވަކި ތާރީހެއްވެސް ނޭންގެއެވެ.

ދުވަސްވެ ބާވެފައި ހުރި މާވެޔޮ މިސްކިތް ތަޅާލުމަށްފަހު 2000 މީހުނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށް މިހާރު އިމާރާތްކޮށްފައިވާ މިސްކިތް އަޅައި ދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަފުޅު ހަރަދުގަ އެވެ.

ކުރިން ދެ ބުރި ހިމެނޭ ގޮތަށް 400 މީހުންގެ ޖާ އޮތް މިސްކިތް، އަލުން ޖަނާ އަޅައި ދެއްވީ 50 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކުރައްވައިގެނެވެ. މިހާރު ފިނިޝިންގެ މަސައްކަތް ވެސް ގާަތްގަނޑަކަށް ނިމިފައިވާ މިސްކިތުގައި ހަ ބުރި ހުންނައިރު ބޭސްމަންޓަކާއި ޓެރަހެއް ވެސް ހިމެނެ އެވެ. އަދި އަންހެނުންނަށް އެއް ފްލޯ ހާއްސަކޮށްފައިވާއިރު ހުރިހާ ބުރިއަކަށް ވެސް ދެވޭނެ ގޮތަށް ލިފްޓް ބަހައްފައި ވެއެވެ.

މާވެޔޮ މިސްކިތުގެ އާ މިސްކިތް ވާނީ މިފަހުން މާލޭގައި އަލުން އަޅައި ހުޅުވަމުން އަންނަ ކުރީގެ ކުދި މިސްކިތްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެންމެ ރީތި މިސްތަށެވެ.