(ދެވަނަ ބައި)
"ހޫމް." ޝާޔާ ލިޔެލިއެވެ.
އަހަންނަށް ބަޔާންކޮށްދޭން ވެސް ނޭނގޭ އުފަލެއް ލިބެމުން ދިޔައެވެ. ހުވަފެނުގައި ވެސް ނުފެންނަ އުފާވެރި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އާއެކެވެ. އަހަރެން މި ހުރީ އަރުހަމާއެކު ރިސޯޓުގައެވެ. މިއީ އަލަށް ހުޅުވި ރީތި ރިސޯޓެކެވެ. ހަވީރު ރިސޯޓަށް އައިފަހުން އަހަރެންގެ ފަހަތުން އަރުހަމު ނުނެއްޓެއެވެ. ހީވަނީ އަހަރެންގެ ހިޔަނީގައި ބޮސްދޭ ހެންނެވެ. މަދުކަމެއް، ބޭނުން އެއްޗެއް އޮވޭތޯ ބަލައެވެ.
ބައެއް ފަހަރު އަހަންނަށް އުނދަގޫ ވެސް ވެއެވެ. މާ ގައިގޯޅި ވާތީއެވެ. އަހަރެންގެ މުލައްދަނޑީގައި އަރުހަމު ހިފުމުން އަހަންނަށް އަތް ފޮޅުވާލެވުނެވެ.
"އޮހް ސޮރީ." އަރުހަމު އިސްޖަހައިލި އެވެ.
"ނޯ ސޮރީ،" އަހަންނަށް ވިސްނައިލެވުނީ މާފަހުންނެވެ. "އިޓްސް އޯކޭ، އަހަރެން ސިހުނީއޭ."
އަރުހަމުގެ މުލައްދަނޑީގައި އެލިގަންނަމުން އަހަރެން އޭނާގެ އުނަގަނޑުގައި އަތް އެޅުވާލީމެވެ.
"ހިނގައިބަލަ ހިނގައިލަން. މި ރީތި ދޮންވެލި ތުނޑީ، މި ހިތްގައިމު މާހައުލުގައި،" އަހަރެން އަރުހަމުގެ އަތުގައި ހިފައި ދިޔަރެހާ ދިމާއަށް ހިނގައިގަތީމެވެ. "ސަޅިކަން. ކިހާ ސަޅި އިރެއް."
އޮރެންޖު ކުލައިން ދިއްލިފައިވާ އިރު ދައްކާލަމުން އަރުހަމުގެ ގައިގައި ބައްދާލީމެވެ. އަރުހަމު ވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ނަމަވެސް، އޭނާގެ ބީހުންތަކުގެ އަސަރު ކުޑަވިކަން އަހަންނަށް އިހުސާސްވި އެވެ. އަހަރެންގެ އަތުގައި ހިފައިލިޔަސް ހިފަނީ ނަމަކަށެވެ.
"ހިނގައިބަލަ މޫދަށް އެރިލަން." ސިކުނޑީގައި ކުރެހުނީ އެހެން މަންޒަރެކެވެ.
"މި ގަޑީ؟" އަރުހަމު ސުވާލުގެ ނަޒަރުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
"ހޫމް، ކިހިނެއްވީ؟" އަހަރެން ފާޑަކަށް ހޭން ފެށީމެވެ. "ބިރު ގަތީ؟"
"ނޫން! ޗޭންޖުކޮށްލަން ޖެހޭނެ." އަރުހަމު ހުރީ ފާޑަކަށް ބަލާށެވެ.
"ޓީޝާޓް؟ ޖީންސް؟" އަހަރެން ގާތަށް އައީ ހިންޏެވެ.
"ކިހިނެއްވީ؟" އަރުހަމު ނިތުން ދެތިން ރޫ އަރުވާލިއެވެ.
"ތި ބޭލޭ އެއްޗެއްސެއް ނޫންތަ؟" އަހަރެން ހެމުން ހެމުން ބުނެލީމެވެ. "ދެން ރިސޯޓެއްގެ ބީޗަށް އަންނައިރު މީހުން ކޯޓު ފަޓުލޫނުގަ އުޅޭތަ؟"
އަރުހަމު އަހަންނާ ދިމާއަށް ބަލަން ހުރީ އެވެ. އަރުހަމު ބަލާ ގޮތުން ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެންމެ ފަހުން އަރުހަމު ޖީންސްގެ ގޮށްތައް ނައްޓައިލި އެވެ. ޓީޝާޓު ބޮލުން ދަމައިގަތެވެ. އަތުގައި ހުރި އެއްޗެހިތައް އެއްގަމަށް ހޫރައިލި އެވެ. އަހަންނަށް ބެލުނީ އޭނާގެ ހަށިގަނޑަށެވެ. އެ ރީތި ފިރިހެންވަންތަ މޭމައްޗަށެވެ. ގޮޅި ބަރިން ފުރި ހިނދިފައިވާ ބަނޑަށެވެ. ކުރު ސޯޓެއްގައި ހުރި، އަރުހަމު ހީވަނީ ބޭރުގެ ފިލްމީ ތަރިއެއް ހެންނެވެ.
އޭނާ އައިގޮތަށް އައިސް އަހަރެންގެ ގައިގައި ހިފައި އަރިވެލި އެވެ. އަހަންނާ އެކު ދެމީހުން މޫދުގެ ތެރެއަށް ވެއްޓުނެވެ. އަހަންނަށް ބޯ ހިއްލައިލެވުނެވެ. އޭރު އަރުހަމު ހުރީ އަހަރެންގެ ގައިގައި ބާރަށް ބައްދައިލައިގެންނެވެ.
"ކޮބާ؟" އަހަރެންގެ ނޭފަތުގައި އަރުހަމުގެ ނޭފަތް ޖެހުނެވެ. "މީތި ކަޑަ."
ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނީއެވެ. އަރުހަމުގެ ހަރަކާތްތަކަށް މަރުހަބާ ކިޔެމުން ދިޔައީއެވެ. ސަކަރާތުގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. އިރުކޮޅެއް ނުވަނީސް މުޅިތަން އަނދިރިވިއެވެ.
އަހަރެން އުޅުނީ ފެންވަރައިގެން ރީތިވާށެވެ. އަރުހަމު ވެސް ދިޔައީ ފެންވަރާށެވެ. ނުވައެއް ޖަހާއިރު ބަލާ އަންނާނެ ކަމަށް ބުނެފައެވެ. ވަރުގެ ކޮޅަށް ނަލެހެދި އަހަރެން ތައްޔާރުވަމުން ދިޔައީމެވެ. މުޅީން އެހެން ކަމަކަށެވެ. އަހަރެންގެ މަގުސަދު ހާސިލުކުރުމަށެވެ. ކޮޓަރީގެ ސާމާނުތައް ތަރުތީބުކޮށްލީމެވެ. އޭރު ނުވައެއް ޖަހަން އުޅެނީއެވެ. އަހަރެން ހުރީ ކުރު ސޯޓަކާއި، ފަލަމަސްގަނޑާ ހަމައަށް އަންނަވަރުގެ ގަޔަށް ދޫ ގަމީހެއް ލައިގެންނެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ. އަވަސް އަވަހަށް ތައްޔާރުވެލީމެވެ. ފޯނުގެ ކެމެރާ އޮން ކޮށްލުމަށްފަހު، ޓީވީގައި ލައްކޮށްލީމެވެ. އޭރު ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހައިފިއެވެ. އިސްތަށިގަނޑު އަތަށް ހެޔޮކޮށްލަމުން ގޮސް ދޮރު ހުޅުވީމެވެ.
ކުރިމަތީގައި ހުރީ އަރުހަމެވެ. އޭނާ ހުރީ ފާޑަކަށް ބަލާށެވެ. އަހަރެން ހުރި ގޮތް ފެނިފައެވެ.
"ތައްޔާރު ނުވަންތަ؟" އަހަރެންގެ ފަހަތުން އަރުހަމު ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.
އަހަންނަށް ހުރެވުނީއެވެ. އިނގިލިތަކުން ކަށި ގޮއްވާށެވެ. އަރުހަމު އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ފާޑަކަށް އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެއާއެކު ހަތަރު ކަޅި ހަމަވިއެވެ. އަރުހަމުގެ ހޫނު ނޭވާ އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އަހަރެންގެ އަތް އަރުހަމުގެ އުނަގަނޑުގައި އަޅުވާލެވުނެވެ. އަރުހަމުގެ ދެއަތުން އަހަރެންގެ ބުރަކަށީގައި ހިފައިލި އެވެ. އަރުހަމު އިސްވި އެވެ. ހުރިހާ ހަރަކާތަކަށް އަހަރެން މަރުހަބާ ކިޔަމުން ދިޔައީމެވެ. ކުއްލިއަކަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ. އަރުހަމު ވެސް އަހަންނާއެކު ވެއްޓިގަތެވެ.
އަހަންނަށް ބަލައިލެވުނީ ޓީވީއާ ދިމާއަށެވެ. ފާޑަކަށް ހިނިތުންވެވުނެވެ. ޓީވީ ހުރީ ހުޅުވާފަ އެވެ. ފެންނަމުން ދިޔައީ މާތަކެއް ފޮޅެމުން ދިޔަ މަންޒަރެވެ. މާތަކުގެ ވަށައިގެން މާބުރުތައް އުދުހެމުން ދިޔަ މަންޒަރެވެ. އެއް މަލުން ފޮނިބޮމުން އަނެއް މަލަށް ތިރިކުރަމުން ދިޔަ މަންޒަރެވެ.
ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަރުހަމު ފާޑަކަށް ހިނިތުންވެލިއެވެ.
"ސޮރީ! އަހަރެން ގަސްތަކު ނޫން." އަރުހަމު އެނދު މައްޗަށް ވެއްޓިގަތެވެ.
"ނޯ ސޮރީ ދޯ." އަރުހަމުގެ މޭމަތީގައި ބޯ އަޅައިލަމުން އޭނާގެ ބަނޑުގައި ހުރި ގޮޅިތަކުގައި އިނގިލި ޖައްސައިލީމެވެ. "ތޭންކްސް."
"އަސްލު ވެސް." އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން އަރުހަމު ބުނެލިއެވެ.
އަހަރުމެން މާލެ އައީ އެރޭ އެކެއް ޖަހަން އުޅެނިކޮށެވެ. އަހަންނަށް ފާހަގަވި އެހެން ކަމެއް އޮތެވެ. އަރުހަމު އަހަންނާ މެދު ކަންތައް ކޮށްދިން އޯގާތެރިކަމެވެ. އޭނާގެ ހަރަކާތްތަކުގައި ހުރި ޖާޒުބީ ގޮތްތަކެވެ. ނިދަން އޮތް އިރު ވެސް ކުރެވުނީ އެ އިހުސާސްތަކެވެ. އިރުއިރު ކޮޅާ އެ މަންޒަރުތައް ފެންނަ ހެން ހީވަނީއެވެ. އަރުހަމުގެ ކޮންމެ ޖުމުލައެއް އަހަންނަށް ވަނީ ބޮޑު ފިލާވަޅަކަށެވެ. ކޮންމެ ހަރަކާތެއްގެ ހަނދާނުން ގައިން ހީބިހި ނަގައި ގަނެއެވެ.
"އޭ ކޮބާ؟" އޮފީހަށް ނުވަންނަނީސް ޝާޔާ ދިމާކޮށްލިއެވެ.
"ނުވާނެ. ބުނާނެ ރަންކިޔައިފީމޭ، މުހުސިނޭ." ރަމީޒާގެ ރަސްމީ ޖުމުލަ ތަކުރާރުކޮށްލިއެވެ.
"މަށަށް ހީވަނީ މި މަންޖެ ވަރަށް ގަދަކޮށްފިހެން. އަނެއްކާ ކެނޑުމުގެ ކުރިން ވަކަރަށް ވެސް ޖަހައިލީތަ؟" ޝާޔާ ހީގަތެވެ.
އަހަރެން ގޮނޑީގައި ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލީމެވެ.
"އޯހް. އެ އިހުސާސްތައް، އެ ފިރުމުންތައް. އެހެރެ ފިރިހެންވަންތަ ކަމެއް. ހުވާ މިބުނީ މޮޔަވެއްޖެ." އަހަރެން ލޯ މަރައިގެން އިނދެ ވާހަކަ ދެއްކީމެވެ. "އަސްލު ވެސް، ތީރު ގޮސް ހެރުނީ ސީދާ މެޔަށް. މޭ ފޫދުއްވާލި ގޮތުން މޮޔަ ވެއްޖެ. މީ އާދައިގެ ކަމެއް ނޫން."
އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވުމުން އަހަރެން ހުއްޓައިލީމެވެ. ހުޅުވާލެވިފައިވާ ދެ އަތް ކައިރިކޮށްލެވުނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. ސިހިފައި ފަހަތަށް އެއްލުނެވެ. ދެ ލޯ ބޮޑުވިއެވެ. ކުރިމަތީގައި އިނީ މުހުސިނެވެ. އަހަރެންގެ މޫނު ޖެހޭހައި ގާތުގަ އެވެ. އަމިއްލަ ތުންފަތުގައި ދައިގަނެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.
"އެހާ ލޯބިވޭތަ؟" ހިނިއައިސް އިނދެ މުހުސިނު ކޮށްލީ ސުވާލެކެވެ.
"ކޮން އިރަކު އައީ؟" އަހަންނަށް ވެސް ކުރެވުނީ ސުވާލެކެވެ.
"އިއްޔެ. ލަހީތަ؟" މުހުސިނު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
އަހަންނަށް ބަލައިލެވުނީ ޝާޔާއާއި ރަމީޒާ ކޮބައިތޯއެވެ. އެދެމީހުން ތިބީ ބަލާށެވެ. ޝާޔާ ހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ރަމީޒާ ވެސް މޫނު މަތީ އަތް އަޅައިގެން ހުއްޓެވެ. އެ ދެމީހުން ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ.
"އެބަ އަންނަނަށް ކެބިންއަށް ވަދެފަ." މުހުސިން ކޮޅަށް ތެދުވެ ހިނގައިގަތެވެ.
މުހުސިނު ދިޔުމުން ޝާޔާއާއި ރަމީޒާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ބަނޑުގައި އަތް އަޅައިގެން ތިބެ ދެމީހުން ހެމުން ދިޔައެވެ.
"ބުޅާ ގޯނިން ބޭރު ނުވިކަން ނަސީބެއް." ރަމީޒާ އައިސް އަހަރެން ގާތަށް ހުއްޓުނެވެ.
"ނުވާނެ ދޯ ލަމް." ޝާޔާ ވެސް އައިސް އަހަރެންގެ ގާތަށް ގުދުވެލިއެވެ.
"ކޮބާ؟" ޝާޔާ ނިތުންނާ މޫނުމަތިން ހައެއްކަ ސުވާލު އެއްފަހަރާކޮށްލިއެވެ.
އަހަރެން ފޯނު ނެގީމެވެ.
"އެހާ ސޭފެއް ނޫން. މުހޭ ވައްޓައިލަފާނެ. ހިނގާ ޓީ ރޫމަށް." އަހަރެން ހިނގައިގަތުމުން ޝާޔާމެން ވެސް ފަހަތުން ހިނގައިގަތެވެ.
އަހަރެން ފަޚުރުވެރިކަމާއެކު ފޯނު ދިއްކޮށްލީމެވެ. ޝާޔާއާއި ރަމީޒާ ފޯނަށް ބަލަން ތިބީއެވެ. އަނގަ ހުޅުވިފަ އެވެ.
"ކަޑަ؟" އަހަރެން ވަރަށް ގަދަވެލައިފަ ބުނެލީމެވެ. "ދެން މަށަށް ދިމައެއް ނުކުރެވޭނެ. މިއޮތީ ޕްރޫފް ދެއްކިފަ."
"ގަދަ." ރަމީޒާ ލަސްލަހުން ބުނެލިއެވެ.
"ރަނޭ، މުހުސިނޭ. ފަޅޮލޭ، ދޮންކޭލޭ ތަ، ތި ކިޔަނީ؟" އަހަރެން ފޯނު މޭޒުމަތީގައި ބާއްވަމުން ބުނެލީމެވެ.
ރަމީޒާ ހުރީ ބަސް ހުއްޓިފައެވެ. ހައިރާންވެ އަންތަރީސް ވެފައެވެ.
"ލަމް ތި ވަރަށް ކަޑަކަމެއްދޯ. އެ ސޮރު ކިހިނެއް؟ މި ބުނީ އެ ވަރަށް އޮޅުވާލާކަށް ނުވާނެއްނު،" ރަމީޒާ ލަސްލަހުން ބުނެލިއެވެ. "މަށަށް ހީވަނީ އޭނާ އަސްލު ވެސް ލަމް ދެކެ ލައިކް ވާހެން. މީހެއްގެ ހިތެއް ތި ހަލާކު ކުރަނީ."
"މި ބެޓެއް ދޯ! އެހެން ނޫނަސް އަހަރެން ލޯބިވަނީ މުހޭ ދެކެ. މަށަށް ވެސް ކެރޭކަން ދައްކާލީމި. ދެން މަށާ ދިމާއަށް ސާލިހޭ، ރަނޭ، ދޮންކޭލޭ ނުކިޔޭނެ ދޯ." ޝާޔާ އަނގައިން ވެސް ނުބުނުމުން އަހަރެން އޭނާގެ ކޮނޑުގައި ހިފައިލީމެވެ.
އިރުއިރުކޮޅާ އަރުހަމު އަހަންނަށް ގުޅައެވެ. މުހުސިނާއެކު ރެސްޓޯރެންޓުގައި ތިއްބާ ވެސް ހައެއްކަ ފަހަރު ގުޅިއެވެ. އެންމެ ފަހުން އަހަރެން ފޯނު ނިއްވާލީމެވެ.
"ނަންބަރު ބަދަލުކޮށްލަމާ ދޯ،" މުހުސިނުގެ ޖަވާބު ކުރުވެފައި ސީދަލެވެ. "އޭރުން ދެން އެމީހާއަކަށް ނުގުޅޭނެއްނު."
"ނުބައި މީހެކޭ ބުނީމާ ވެސް ދެން ގުޅަން ޖެހޭތަ؟" އަހަރެން ހިތްހަމަ ނުޖެހޭ ކަން ދައްކާދިނީމެވެ.
ޖެހިގެން އައީ އަހަރުމެންގެ ކައިވެނީގެ ހަފުލާ އޮތް ދުވަހެވެ. ހެނދުނުއްސުރެ އަހަރެން އުޅުނީ ކައިވެނީގެ ކަންކަމުގައެވެ. އެއްކަންތައް ނިމޭ އިރަށް އަނެއް ކަމެއް ފެށެއެވެ. ޝާޔާ ދުވެފައި އައިސް އަހަރެން އަތުގައި ހިފައިގެން ސަރައްކާއްޔަށް ނެރުނެވެ.
"އަރުހަމު، އަހަރެން ނަންބަރު ހޯދައިގެން އެ ގުޅަނީ. އަހަރެން ބުނިން ލަމް ދިމާވީމަ ގުޅައިނަމޭ،" ފޯނު ދައްކާލަމުން ޝާޔާ އަވަސް އަވަހަށް ބުނެލިއެވެ. "ވަރަށް ގުޅައިފި."
"ކީކޭތަ ބުނަންވީ؟"އަހަރެން ހަދާނެ ގޮތް ހުސްވިއެވެ.
"ބުނޭ މިރޭ މެރީ ކުރަނީއޭ،" ޝާޔާ ޚިޔާލެއް ދިނެވެ. "ކޮންމެ ވެސް މޮޅު ވާހަކައެއް ދައްކާ."
"ހަލޯ. ލަމްއޭ މި." އަހަރެން ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.
"ލަމް، ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ އަހަރެން ހާދަ ގުޅައިފީމޭ! ރިސޯޓުން އައި ފަހުން ޚަބަރެއް ނުވޭ. ކޮންތާކުތަ ތި އުޅޭނީ؟ ވަރަށް ހާލުން ޝާޔާގެ ނަންބަރު ވެސް ލިބުނީ. އޭނާ ބުނީ އޮފީހަށް ވެސް ނުދެޔޭ،" ފޯނު ނެގި ގޮތަށް އަރުހަމު ޝަކުވާ ކުރަންފެށިއެވެ. "ކިހިނެއްތަވީ؟ ބަލިވީތަ؟"
"އާން، ނޫން." އަހަރެން ތުރުތުރު އަޅަން ފެށިއެވެ.
"ކިހިނެއްތަވީ؟ ހާދަ ހާސްވެފަ ތިހުރީ." އަރުހަމު ކަންބޮޑުވަމުން ދިޔައެވެ.
"ވަރަށް ބޮޑު ކަމެއް ޖެހިގެން. ކުއްލިއަކަށް." އަހަންނަށް ބުނެވުނީ އެވަރަށެވެ.
"ކޮންކަމެއްތަ؟ ކިޔައިދީބަލަ. ވެގެން ތި އުޅޭ ކަމެއް އެނގުނީމައެއްނު އަހަންނަށް ވެސް ކަމެއް ކޮށްދެވޭނީ." އަރުހަމު އަވަސްއަވަހަށް ވާހަކަދައްކަމުން ދިޔައެވެ.
އަހަންނަށް ބަލައިލެވުނީ ޝާޔާގެ މޫނަށެވެ. އޭނާގެ ތުންފަތުގެ ހަރަކާތްތަކުގައި އަހަރެން ފުރާނަ އަޅުވަމުން ދިޔައީމެވެ.
"މެރީ، މެރީ ކުރަން ޖެހިއްޖެ. މިރޭ އަށެއް ޖަހާއިރަށް." ލަސްލަހުން އަހަންނަށް ބުނެވުނީ އެ ވަރަށެވެ.
"އޭނ! ވަޓް، ކުއްލިއަކަށް؟ ކިހިނެއް؟ ހައު؟ ވައި؟" އަރުހަމު އެއް ނޭވާއިން އަމުނައިލިއެވެ.
"ވަރަށް ބޮޑު ކަމެއް، އަހަރެން ލޯބިވަނީ، އަދި ވާނީ ވެސް އަރުހަމުދެކެ. ތި އަހަރެންގެ ހުރިހާ ވެސް މީހަކީ، އަހަރެން މިކަމުން ސަލާމަތްކޮށްދީ. އާދޭސްކުރަން." އަހަރެން ރޯންފެށީމެވެ.
ބޭނުންވީ އަރުހަމު ތަޅުވާލާށެވެ. އޭނާ ދެރަކޮށްލާށެވެ. އޭނާގެ ހުރިވަރެއް ވެސް ބަލައިލާށެވެ.
"ކޮން ތާކުތަ ތި ހުރީ؟ އަހަރެން މިދަނީ ބުނެބަލަ." އަރުހަމު ތެޅިގަތެވެ.
(ނުނިމޭ)