ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުން އޮތީ ތައްޔާރުވެފައި، ކަންބޮޑުނުވޭ: ނަޝީދު

Apr 15, 2020
4

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ކުރިންވެސް ސިއްހީ މާހިރުންނަށް އަންދާޒާ ކުރެވުނު ކަމަށާއި، އެކަމަށް ސަރުކާރުން ތައްޔާރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އެ ބަލި ފެތުރޭނެކަން އެއީ ސިއްހީ މާހިރުންނަށް އެނގިވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

"ސަރުކާރުން ވަނީ މިކަމަށް ތައްޔާރުވެފައި. ކަންބޮޑުވެވަޑައި ނުގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ ރޯގާގެ އަލާމާތްތައް ފެނިގެން އެ މީހާ މާލޭގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށް ޕޮޒިޓިވްވެފައިވާ ކަން ކަށަވަރު ކުރެވުނީ މިއަދު ކަމަށެވެ.

އެ މީހާއަށް ކޮވިޑް-19 ޖެހިފައިވާ ކަން ކަށަވަރު ކުރެވުމުން އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ބަންދުކޮށް އެ ގެ ކަރަންޓީނު ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭނާ މިހާރު އައިސޮލޭޝަން ފެލިސިޓީގައި އެކަހެރި ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއީ މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އަދި ރާއްޖޭން އެ ރޯގާއަށް ވައިރަސްވި ހަވަނަ ދިވެހި މީހާ އެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާ ދެމުން ދަނީ ތިން ދިވެހިންނަށެވެ.

ތިން ދިވެއްސަކު ބަލިން ރަނގަޅު ކުރެވިފައިވާއިރު ރާއްޖޭން އެ ރޯގާއަށް ޕޮޒިޓިވްވި ބިދޭސީން ވެސް މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 21 އެވެ.