ކުޅިވަރު

ވެކްސިން ޖަހަން ޖޮކޮވިޗް ދެކޮޅު

ކޮވިޑް-19 އާ ގުޅިގެން ހުއްޓާލާފައިވާ ޓެނިހުގެ މުބާރާތްތައް އަލުން ފެށުމުގެ ކުރިން ވެކްސިން ޖަހަން އޭނާ ބޭނުން ނުވާކަމަށް، ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ސާބިއާގެ ނޮވާކޮ ޖޮކޮވިޗް ބުނެފި އެވެ.

ޓެނިހުގެ އެންމެ ބޮޑު ސިލްސިލާ ޓްއާ އޭޓީޕީ ޓްއާސް ވަނީ ޖުލައި 13 އާ ހަމައަށް ހުއްޓާލާފަ އެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި ޓެނިސް މުބާރާތް ވިމްބަލްޑަން ވަނީ ދެ ވަނަ ބޮޑު ހަނަގުރާމައިގެ ފަހުން ފުރަތަމަ ފަހަރަށް ކަންސަލް ކޮށްފަ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ގައުމުތަކަށް ދަތުރު ކުރުން މެދުކަނޑާލަފައި ވުމާއެކު، އެންމެ ލަހުން ފެށޭނެ ކުޅިވަރު މުބާރާތްތަކަށް ވަނީ ޓެނިހެވެ.

ޓެނިހުގެ މުބާރާތްތަކުގައި ވާދަ ކުރަން ގައުމުތަކަށް ދަތުރު ކުރުމުގެ ކުރިން ވެކްސިން ޖަހަން މަޖުބޫރު ކޮށްފިނަމަ، އެކަމާމެދު އޭނާ ވަކި ގޮތެއް ނިންމާނެ ކަމަށް، ގްރޭންޑް ސްލެމްގެ ޗެމްޕިއަންކަން 17 ފަހަރު ހޯދާފައިވާ ޖޮކޮވިޗް ބުންޏެވެ.

"ޕާސަނަލީވެސް އަހަންނަކީ ވެކްސިން ޖެހުމަށް ޝައުގުވެރިވާ މީހެއް ނޫން، އެކަމަކީ މަޖުބޫރު ކޮށްފައި އޮންނަ ކަމަކަށް ވާނަމަ އަހަރެން އެކަމާ ގަޔާ ނުވޭ،" ސާބިއާގެ އެތުލީޓުންގެ މެދުގައި ކުރިއަށް ގެންދިޔަ ފޭސްބްކް ޗެޓް ކޮންވޒޭޝަންއެއްގައި ޖޮކޮވިޗް ބުނެފައި ވެއެވެ. "ވެކްސިން ޖަހަން އެމީހުން މަޖުބޫރު ކޮށްފިނަމަ ދެން ވާނީ ކިހިނެއް، ދެން އަހަރެން ނިންމާނީ އަހަރެން ޖާހަނަންތޯ ނުޖަހާނަން ތޯ."

ޖޮކޮވިޗް ބުނީ، ވެކްސިން ޖެހުމާ ގުޅޭގޮތުން އޭނާގެ އަމިއްލަ ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. އޭނާ ބުނީ އެ ވެކްސިން ޖަހައިގެން އޭނާގެ ކުޅުމަށް އަސަރު ކުރާނަމަ، މުބާރާތްތަކުގައި ވާދަ ކުރަން ގައުމުތަކަށް ދަތުރު ކުރުމާމެދު އޭނާ ވިސްނާނެ ކަމަށެވެ.

ސިއްހީ މާހިރުން އަންދާޒާ ކުރަނީ، ކޮވިޑް 19 އިން ރައްކާތެރި ވުމަށް ވެކެސިނެއް ތައްޔާރު ކުރުމަށް އަދި އަހަރެންހާ ދުވަސް ހޭދަ ވާނެ އެވެ. ދުނިޔޭގައި 2.4 މިލިއަން މީހުންނަށް ކޮވިޑް-19 ސީދާ ގޮތުން ޖެހިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އޭގެތެރެއިން 165،000 މީހުން ވަނީ މަރުވެފަ އެވެ.