ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިނޭންސްގެ އެންގުމާ އެއް ގޮތަށް އޯޓީ ދޭން ސިވިލް ސާވިސް އިދާރާތަކަށް އަންގައިފި

Apr 15, 2020
1

ސަރުކާރުގެ އޮފީސްތަކާއި ސިވިލް ސާވިސް އިދާރާތައް ބަންދު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތަށް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފި އެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތަށް ސިވިލް ސާވިސް އިދާރާތަކުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯވާ ޓައިމް (އޯޓީ) ދޭނީ ހަ ގަޑިއިރުގެ މަސައްކަތަށް ފަހުގައި ކަމަށެވެ.

މި މުއްދަތުގައި ސިވިލް ސާވިސްގެ އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތައް އިތުރުގަޑީގައި ކުރަން ނުޖެހޭނެ އަދި ހަރަދު ވީހާ ވެސް ކުޑަވާނެ ފަދަ ގޮތަކަށް ރާވައިގެން ކުރިއަށް ގެންދަން ހާއްސަ ސަމާލު ކަމެއް ދިނުމަށްވެސް އެންގިއެވެ.

މުވައްޒަފުންގެ ރަސްމީ ގަޑި އަކީ ހެނދުނު 8:00 އިން މެންދުރު 2:00 އެވެ. އިތުރު ގަޑީގެ ފައިސާ ދޭނީ ހަ ގަޑިއިރު ހަމަ ކުރުމަށް ފަހު އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ. މަސައްކަތު ދުވަހުގެ ރަސްމީގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތުގައި ފަހުގެ ވަގުތުތަކެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ނަމަވެސް އިތުރު ގަޑީގެ ފައިސާ ދޭން ވާނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަ ކުރުމަށް ފަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށް ވާނެތީ ސަރުކާރު މުވައްޒަފުންނަށް މަސައްކަތް ހަވާލު ކުރަން ވާނީ އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭނެ ގޮތަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެ އެވެ.