ކޮވިޑް-19 ގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ ދަށްވާތީ ހަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ އުނިކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު ހައްވާ ޝަފީއާ އެވެ. ޝަފީއާ އަކީ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ވަކީލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޝަފީއާ ފޮނުއްވި ސިޓީއެއްގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފައިވާ ސާކިއުލާގައި ކަންބޮޑުވާން ޖެހޭ ގާނޫނީ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.
ސީއެސްސީގެ އެ ސާކިއުލާގައި ބުނެފައިވާނީ. ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސާވިސް މުވައްޒަފުން އިތުރު ގަޑީގެ ގޮތުގައި ކުރާ މަސައްކަތަށް ފައިސާ ދެވޭނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި ކަމަށެވެ.
އިތުރު ގަޑީގެ ފައިސާ ދެމުން ދަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމަށާއި އެ ގަވާއިދުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަށް ވުރެ އިތުރުށް މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ސިވިލް ސާވެންޓުންނަށް ދޭން ވާނެ ކަމަށް އެ ގަވާއިދުގައި ބުނާ ކަމަށް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
އެ ގަވާއިދުގައި އެހެން ބަޔާން ކޮށްފައި ވަނިކޮށް ސާކިއުލާއެއްގެ ޒަރީއާއިން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ އުނިކޮށްފައިވަނީ އެ ގަވާއިދާ ހިލާފަށް ކަމަށް ޝަފީއާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ރިއާޔަތް ކުރައްވައި ޝަފީއާ ވިދާޅުވެފައި ވަނީ އެ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ ދޭ ފަރާތާއި މުވައްޒަފަކާ ދެމެދުވާ އެއްބަސްވުމެއްގެ ދަށުން މެނުވީ މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމާއި އިތުރު ގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށެވެ.
އެހެންކަމުން މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފައި ވަނީ ވަޒީފާގެ ގާނޫނާ ހިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ. ސީއެސްސީން ވެސް އެ ގަނޫނަށް އަމަލު ކުރަން ޖެހޭނެ ކަަމަށް ޝަފީއާ ވިދާޅުވެފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފުންނަށް ލިބެން ޖެހޭ ފައިސާއަކީ ގާނޫނު އަސާސީގެ ދަށުން އެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އެ ހައްގަށޤ އުނިކަމެއް ނާންނާނެ ގޮތަށް އަމަލު ކުރުމަކީ ދައުލަތުގެ މައްޗަށް ޒިންމާއެއް ކަމަށް ޝަފީއާގެ ސިޓީގައިވެ އެވެ.
އެހެންކަމުން ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓްރީ އާއި ސީއެސްސީން ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބެލެވޭތީ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން އެ ކަން ހިނގައި ދިޔަ ގޮތް ސާފުކޮށް އެ މުއައްސަސާތައް ޖަވާބުދާރީ ކުރުމަށް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.