ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ހުރެގެން މޯލްޑިވިއަންގެ ފްލައިޓެއް ޖައްސައިފި

މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ޑައިރެކްޓް ކޮންޓެކްޓެއްވި މީހަކު ހުރުމުން މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފި އެވެ.

މާލެއިން ކާޑެއްދޫއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް އެ ފްލައިޓް އަނބުރާ ވީއައިއޭގައި ޖެއްސީ ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަކަށް ކަމަށް އެނގިފައި ވެއެވެ.

ކާޑެއްދޫއަށް ދަތުރުފެށި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުންވެސް ވަނީ އަވަސްއަށް ޔަގީން ކޮށްދީފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ އިއުލާންގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކެވެ.

އެގޮތުން، މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއްކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އިއުލާނުގައިވެ އެވެ.

ލޮކްޑައުންކުރުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލެވެ. މީގެކުރިން ގިނަ ރިސޯޓްތަކާއި ރަށްތައް ވެސް ލޮކްޑައުންއަށް ގެނެސްފައިވެ އެވެ.