އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން ކާގޯ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ދަތުރުތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި އެހެނިހެން ބާވަތްތައް ގެންދާނެ އެވެ.
އެގޮތުން ކައުންސިލްތަކުން އެ ރަށްރަށައް ބޭނުންވާ ތަކެތީގެ ލިސްޓް އެލްޖީއޭއަށް ހިއްސާ ކުރުމުން އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ ދަތުރުތައް އިންތިޒާމް ކުރަމުން ދާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.
"އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މޯލްޑިވިއަންގެ ފަރާތުން ކާގޯ ދަތުރުތަކެއް ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކަށް ކާގޯ ފްލައިޓްތަކެއް އެޅުމަށް ވަނީ ނިންމާފައި. ކޮންމެ ދުވަހަކުވެސް ގިނަ އަަދަދެއްގެ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި. އަދި މި ދަތުރުތަކުގައި ކަރަންޓީން ފެސިލިޓީތަކުގައި ތިއްބަވާ ބޭފުޅުންގެ ތެެރެއިން ރިލީޒްކުރާ ބޭފުޅުން ރަށްތަކަށް ދިއުމުގެ ފުރުސަތު ވެސް ދެވޭނެ." އޭނާ ވިދާޅުވި އެވެ.