ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭހާ، ކާބޯތަކެތީގެ ސްޓޮކް އެބަހުރި: ރައީސް

ކާބޯތަކެއްޗާ، ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާ އެހެނިހެން ބާވަތްތައް ވެސް ރަނގަޅު މިންވަރަކަށް ރާއްޖޭގައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް- 19 އަށް ފުރަތަމަ ފަހަރަށް މާލެެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއެކު ރައީސް ސޯލިހު މިއަދު މެންދުރު ފަހު ވަނީ ގައުމާ މުހާތަބު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިވަގުތަކީ ދަތި އުނދަގޫ ވަގުތެެއް ނަމަވެސް ކާބޯތަކެއްޗާ، ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާ އެހެނިހެން ބާވަތްތައް ވެސް ރަނގަޅު މިންވަރަކަށް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި މި ހާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް އިދާރާތަކުން ވެސް ރާވާފައިވާ ކަމަށެވެ.

"ކާބޯ ތަކެއްޗާ، ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާ، މި ނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް، ރަނގަޅު މިންވަރަކަށް އެބަހުރި. އަދި މިފަދަ ހާލަތުގައި ވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް އިދާރާތަކުން ވަނީ ރާވާފައި. އެކަމުގެ ތަފްސީލް އިދާރާތަކުން ހާމަކުރަމުން ގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމަށް ދަތިތަކާ ދިމާވާނެ ކަމަށެވެ. ނަމަވެސް މިއީ ކެތްތެރިކަމާއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާ ވެގެން ތިބެން ޖެހޭނެ ވަގުތެއް ކަމަށެވެ.

ރައީސް އެދިވަޑައިގެންނެވީ އެންމެން ވެސް އެކަކު އަނެއްކަކަށް އޯގާތެރިވެ އިހުސާންތެރިވުމަށެވެ. އަދި މިވަގުތު އާންމު ދިރިއުޅުމަށް ދަތިވި ނަމަވެސް މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި ކެތްތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރިވެ އެއްބާރުލުން ދިނުމަަށް، އާންމު ދިރިއުޅުމުގެ ކަންކަމަށް ދަތިތަކާ ކުރިމަތިވާނެ، އެހެން ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު، ހިކުމަތްތެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކޮށްގެން މިކަމުން އަރައިގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.