ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެއިން ކޭސްއެއް ފެނުމަކީ ބިރުވެރިކަމެއް: ޑރ. ލަތީފް

މާލެއިން ކޮވިޑް-19 ގެ ބަލި މީހަކު ފެނުމަކީ ބިރުވެރި ކަމެއް ކަމަށާ އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ޑރ. އަލީ ލަތީފު އިލްތިމާސް ކުރައްވައިފި އެވެ.

އެންއައިއޯސީ މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ކޮވިޑް-19 އަކީވެސް ރޯގާއެއް ނަމަވެސް މިއީ އާދައިގެ ބައްޔެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

މި ވައިރަސްގެ އަސަރު ކުރާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ ކަމަށާ އަދި ފަސް ޕަސެންޓް މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށެވެ. އަދި ދެ ޕަސެންޓަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ޑރ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ބުނެދޭން ވަރަށް ގިނަ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކޮށްފައިވާ ކަމަށާ ނަމަވެސް މިހާތަނަށް ވެސް ދެކެން ބޭނުންވާ މަންޒަރު މުޖްތަމައުގެ ތެރެއިން ނުފެންނަ ކަމަށެވެ. ބިރެއްނެތި އަދިވެސް ބައެއް މީހުން މަގުތަކަށް ނިކުންނަމުންދާ ކަމަށާ މާލެ 24 ގަޑިއިރުގެ ލޮކް ޑައުންއަކަށް ގެންދަން ޖެހުނީ ވެސް އެފަދަ ސަަބަބުތަކާއި ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ މިއީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ މިކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ގޭގައި ތިއްބެވުން." ޑރ. ލަތީފް ވިދާޅުވި އެވެ.

މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ޑައިރެކްޓް ކޮންޓެކްޓެއްވި ހުރިހާ މީހުން މިހާރު ވަނީ ދެނެގަނެފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.