މޯލްޑިވިއަން

އެތެރޭގެ އުދުހުންތައް ހުއްޓާލައިފި

އެތެރޭގެ އުދުހުންތައް ހުއްޓާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ދެންމެ ބުނީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީ "ލޮކްޑައުން" ހާލަތަށް ގެނެސްފައިވާތީ އެޗްޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ގިނަ ރިސޯޓްތަކެއްގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނަށް ޗުއްޓީ ދިނުމާއި ގުޅިގެން އެތެރޭގެ އުދުހުންތަކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އެކަމާއި ގުޅިގެން ބައެއް ހިސާބުތަކަށް ކުރާ ދަތުރުތައް ވަނީ މީގެ ކުރިން އިތުރުވެސް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލެސިޓީ "ލޮކްޑައުން" ހާލަތަށް ގެނައީ 24 ގަޑިއިރުގެ މުއްދަތަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.