ކުޅިވަރު

ނިއުކާސަލް ވިއްކާލައިފި، ކޯޗަކަށް އެލްގްރީ

އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބު، ނިއުކާސަލް ޔުނައިޓަޑް ވިއްކާލުމަށް އެއްބަސް ވުމުގައި ސޮއި ކޮށްފި އެވެ.

ނިއުކާސަލް ޔުނައިޓަޑްގެ ޗެއާމަންގެ މަގާމު އަދާ ކުރަމުން އަންނަ މައިކް އެޝްލީ ވަނީ، ސައުދީ އަރަބިއްޔާގެ ސޮވެރިން ފަންޑަށް ކުލަބު ވިއްކާލުމަށް އެއްބަސްވެފަ އެވެ. ނިއުކާސަލްގެ ވިއްކާލުމަށް އެއްބަސްވުން ހެދީ 300 މިލިއަން ޕައުންޑަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމާއެކު، މިހާރު ކުރިއަށް ދަނީ ކުލަބުގެ މިލްކިޔާތު ބަދަލު ކުރުމަށް ގާނޫނީ ގޮތުން ހިނގާ މަރުހަލާތަކެވެ. އެ މަރުހަލާގެ އެއްބަޔަކީ ޕްރިމިއާ ލީގްގައި ކުލަބުގެ އާ އޯނާޝިޕް ރަޖިސްޓްރީ ކުރުމެވެ.

ކުލަބު ވިއްކާލުމަށް ފުރަތަމަ އެއްބަސްވީ 340 މިލިއަން ޕައުންޑަށެވެ. އެހެންނަމަވެސް އެއްބަސްވުން ހެދިއިރު ފައިނަލް އަގަކަށް ޖެހީ 300 މިލިއަން ޕައުންޑެވެ. ސައުދީގެ ސޮވެރިން ފަންޑުން ހުށަހަޅާފައި ވަނީ ކުލަބުގެ 80 ޕަސެންޓް ހިއްސާ ގަތުމަށެވެ. ބާކީ 20 ޕަސަންޓްގެ ތެރެއިން 10 ޕަސަންޓް ގަންނަނީ އިނގިރޭސި ވިލާތުގެ އަންހެން މަހުޖަނެއް ކަމަށްވާ، އަމަންޑާ ސްޓޭވްލީގެ ޕީސީޕީ ކެޕިޓަލްއިންނެވެ. އަނެއް 10 ޕަސަންޓްގެ ހިއްސާ ގަންނަނީ އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އާއިލާ ރިއުބެން ބްރަދާސް އެވެ.

ކުލަބުގެ ބޯޑް ޑައިރެކްޓަރުންގެ ގޮތުގައި އަމަންޑާ އާއި ރިއުބެންގެ ވެރިޔާ ޖެމީ ރިއުބެން ގެ ދަރިކަލުން ޑޭވިޑް ރިއުބެން އަދި ސައުދީގެ ސޮވެރިން ފަންޑްފެ ގަވަރުނަރު ޔާސިރު އަލް ރުމައްޔާން ހިމެނިވަޑައިގަންނަވާނެ އެވެ.

ސައުދީ ސޮވެރިން ފަންޑުން، ނިއުކާސަލް ގަންނަނީ، ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އިސްނެންގެވުމުގެ މަތިންނެވެ. މެންޗެސްޓާ ޔުނައިޓަޑް ގަތުމަށް، މުހައްމަދު ވަނީ ކުރިން މަސައްކަތް ކުރައްވާފަ އެވެ. އެ މަސައްކަތް ކާމިޔާބު ނުވީ، އެކުލަބު ވިއްކާލަން އެ ކުލަބުގެ އެމެރިކާގެ ވެރިން ބޭނުން ނުވުމުންނެވެ.

ކުލަބުގެ އާ މެނޭޖުމެންޓްގެ އަމާޒަކީ، އިނގިރޭސި ވިލާތުގެ އެންމެ ވަރުގަދަ ކުލަބަށް ނިއުކާސަލް ހެދުމެވެ. ކުލަބުގެ ކޯޗަކަށް، ޔުވެންޓަސްގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑީިއާތަކުން ބުނެ އެވެ.

ޔުވެންޓަސްއަށް ޖެހިޖެހިގެން ފަސް އަހަރު އިޓާލިއަން ލީގް ހޯދައި ދިންނަމަވެސް، މިިދިޔަ ސީޒަންގައި އެލެގްރީ ވަނީ ކުލަބުން އަމިއްލައަށް ވަކި ވެފަ އެވެ. އޭގެ ފަހުން އޭނާ ބުނެފައި ވަނީ ޕްރިމިއާ ލީގްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ، އިނގިރޭސި ލީގަށް ބަދަލު ވުމަށް އެލެގްރީ ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު އޭނާ، އިނގިރޭސި ބަސް ދަސް ކުރަމުންދާ ކަމަށް އިޓަލީގެ ރިޕޯޓްތައް ބުނެ އެވެ.