ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން 82 މީހަކު ހައިރިސްކް މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މަބުރޫކް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ދެވަނައަށް ޕޮޒިޓިވްވި ކުޑަކުއްޖާއަކީ ދެމައިން ކަމަށެވެ.
މަބުރޫކް ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން 207 މީހަކު މިހާތަނަށް ފާހަަގަކުރެވިފަިއވާ ކަމަށެވެ. އޭގެ ތެރެއިން 75 މީހުންނަކީ ހައިރިސްކް މީހުންނެވެ. އަދި މީޑިއަމްރިސްކްގައި 43 މީހަކު އެބަތިއްބެވެ. ލޯރިސްކްގައި 89 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ތިންވަނަ އަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން 35 މީހަކު ކޮންޓެކްޓްވެފައިވާ ކަމަށާ އޭގެ ތެރެއިން ހަތް މީހުންނަކީ ރިސްކްހައި މީހުން ކަމަށެވެ. އަދި 28 މީހުންނަކީ މީޑިއަމްރިސްކްގެ މީހުންނެވެ.
މަބުރޫކް ވިދާޅުވީ މި މީހުންގެ ތެރެއިން ހައި އެންޑް މީޑިއަމްރިސްކް އެންމެންވެސް ތިބީ ކަރަންޓީންގައި ކަމަށެވެ. އަދި އޭގެ ތެރެއިން އަލާމަތް ފެންނަ ކޮންމެ މީހަކު އައިސޮލޭޝަންއަށް ގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ކޮންޓްރެކްޓް ރޭސިން ކުރިއަށްދާތީ މިހާރުގެ އަދަދުތައް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދިވެސް ބަލިޖެހުނު ގޮތް ދެނެގަނެވިފައިނުވާ ކަމަށާ މިހާތަނަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ފުރަތަމަ ވައިރަސް އަރާފައިވަނީ ކާކަށްކަންވެސް ދެނެގަނެވިފައިނުވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ގޮތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތު 11 ގެއަކަށް މަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.
މިގެތައް ލޮކްޑައުން ކޮށްފައިވާއިރު އައްޑޫ ސިޓީގައި ވެސް ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އަދި އަންހެން މީހާ ދިރިއުޅޭ ޖަރީމާގެ ވެސް ވަނީ ލޮކްޑައުންގަ އެވެ. ކ. ކާށިދޫ ވެސް މިވަގުތު އޮތީ ލޮކްޑައުން ކޮށްފަ އެވެ.