ލައިފްސްޓައިލް

ފައިދާ އެނގޭނަމަ އެންމެންވެސް ބޯނީ ހޫނުފެން

Apr 17, 2020
2

ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ހެނދުނު ހޭލައިގެން ހުސް ގޮހޮރާ ހޫނު ފެންތައްޓެއް ބޯލުމަކީ ގިނަ ގުނަ ސިއްހީ ފައިދާތަކެއް ލިބޭނެ ކަމެކެވެ. އަދި އެންމެ ރަނގަޅީ ކުޑަ ލުނބޯހުތްކޮޅެއް ޖަހާލައިގެން ހޫނުފެންތަށި ބޯލުމެވެ. އޭރުން ހަށިގަނޑުގެ އެތެރޭގައިވާ ކުނިބުނިތައް ބޭރުކޮށްލައި އެތެރޭގެ ގުނަވަންތަކުގެ ފަންކްޝަން ރަނގަޅުވާ ކަމަށް ވެއެވެ.

ހެލްތު ލައިންގައިވާ މި ރިޕޯޓުގައިވާ ގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން އަށް އައުންސް ހޫނު ފެން ކޮންމެ މީހަކުވެސް ބޯން ޖެހޭނެ އެވެ. ދުވާލެއްގެ ފެށުމަކަށް ހޫނުފެންތައްޓެއް އަދި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެންތައްޓެއް ބޯލުން މިއީ އެންމެ ރަނގަޅު ގޮތެވެ. ސިއްހީ ރަނގަޅު ފައިދާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މިގޮތަށެވެ.

ބަނޑުހިކޭ މީހުންނަށް ވެސް ހޫނު ފެން ބުއިމުން ލުއި ލިބޭނެ އެވެ. އާއްމުގޮތެއްގައި ބަނޑު ހިކެން މެދުވެރިވަނީ ފެން ބޮވޭލެއް މަދުކަމުން ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެން ނުހުންނާތީ އެވެ. ކްލިނިކަލް ނިއުޓްރިޝަނިސްޓް އަދި ފުޑް އެންޑް ނިއުޓްރިޝަން ސައިންސަސް އެކްސްޕާޓެއް ކަމަށްވާ ޑރ. ސްޓެލާ މެޓްސޯވަސް ވިދާޅުވީ އަންހެނުންނަކީ ވަރަށް ފަސޭހައިން ހޯމޯނަލް އިމްބެލެންސް ވާ ބަޔެކެވެ. މީގެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން ވެސް ބަނޑު ހިކެ އެވެ. އެހެންވީމަ ހެނދުނު ގަޑީގަ ހޫނުފެން ބުއިމުން މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މެޑިކަލް ޑެއިލީގައިވާ ރިޕޯޓެއްގައި ޑރ. ސްޓެލާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ލޭ ރަނގަޅަށް ދައުރުވުމަށް ވެސް ހޫނު ފެން ބުއިމުގެ ފައިދާ ބޮޑެވެ. ސަރުބީތައް ނާރުތަކުގެ ނިޒާމުގައި ޖަމާވެފައި ހުރެ އެވެ. ހޫނު ފެން ބުއިމުން މި ސަރުބީތައް ވިރި ނެތިގެން ދާން މަގުފަހި ވެއެވެ. ހުރިހާ ވިހަތަކެއް ހަށިގަނޑުން ބޭރުކޮށްލާ ލޭ ދައުރުވާލެއް ހަރުއަރާފައި ހުންނަ މަސްތައް ދޫޖެހި އަރާމު ލިބޭނެ އެވެ.

ހޫނުފެން ބުއިމަކީ ހަށިގަނޑުގެ ޓެމްޕްރޭޗަރު މަތިވާނެ ކަމެއް ވެސް މެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ވިރުވައިދޭ ރޭޓް މަތިވެ ކެލޮރީޒް އަނދާލެއް އިތުރުވާނެ އެވެ. ހޫނު ފެންތައްޓަށް ކުޑަ ލުނބޯހުތް ކޮޅެއް އަޅާލައިގެން ބުއިމުން އިތުރަށް މަސައްކަތް ހަލުވި ވެއެވެ. އަދި ލުނބޯގައި ހުންނަ ޕެކްޓިކް ފައިބަރުގެ ސަބަބުން ކާހިތްވާލެއް ކުޑަކޮށްދޭނެ އެވެ. އެހެންވީމާ ކެޔަސް ކުޑަ އެތިކޮޅެއް ކާލައިގެން ފުދޭނެ އެވެ. އެހެންވެ ހިކެން ބޭނުންވާ މީހުން ވެސް ހޫނު ފެން ހެނދުނު ގަޑީގައި ބުއިމަށް ފިޒީޝަނުން އިރުޝާދު ދެއްވަ އެވެ.

މައްސަރުކަންތައް ޖެހިގެން ބަނޑުގައި ރިއްސާނަމަ ވެސް ބޯން ރަނގަޅީ ހޫނު ފެނެވެ. އޭރުން ބަނޑާ ގުޅިފައިވާ މަސްތަކަށް އަރާމުވެ ރިހުން ކުޑަވާނެ އެވެ. ޕީރިއަޑްވީމަ ބަނޑުގައި ރިއްސަނީ ޕީރިއަޑް ކޮންޓްރެކްޝަންސްގެ ސަބަބުން ބަނޑުގައި ހުންނަ މަސްތަކަށް ސްޓްރެސް ވާތީ އެވެ.
ޒުވާންކަންމަތީ ގިނަ ދުވަހު ހުންނަން ބޭނުންވާ މީހުންނަށް ވެސް ހޫނު ފެން ބުއިމުން އެކަށީގެންވާ ބަދަލު ފެންނާނެ އެވެ. ހަށިގަނޑުގައި ވިހަ ބާވަތްތައް ޖަމާވާލެއް ގިނަވާ ވަރަކަށް އެމީހާ މުސްކުޅިވާލެއް އަވަސް ވަމުންދާނެ އެވެ. އަދި ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާނެ އެވެ. ހޫނު ފެން ބުއިމުން މި ހުރިހާ ވިހަ މާއްދާތަކެއް ކުޑަކަމުދާ ނިޒާމުގެ ތެރެއިން ހަށިގަނޑުން ބޭރުކޮށްލެވޭނެ އެވެ. އަދި ހަމުގެ ސެލްތައް މަރާމާތު ވެސް ކުރެވޭނެ އެވެ. ނަތީޖާއަކަށް ވާތީ ހަމުގެ ވާންކަން އިތުރުވެ ޒުވާންކަން އިތުރުވުމެވެ.

ނުނިދިގެން އުޅޭ މީހުންނަށް ވެސް ހޫނު ފެންތައްޓެއް ބޯލުމުން ރަނގަޅަށް ނިދާލަން ފަސޭހަ ވާނެ އެވެ. ނިދަން އޮށޯތުމުގެ ކުރިން ހޫނު ފެންތައްޓެއް ބޯން އާދަ ކުރާށެވެ. ރޭގަނޑު މާ ބޮޑަށް ބަނޑުހައި ވުމާއި ނުނިދިގެން އެނދުގައި ދެ ފަރާތަށް ފުރޮޅި ފުރޮޅި އޮންނަން ޖެހޭ މައްސަލަ ހައްލުވާނެ އެވެ. ހެނދުނު ހޭލައިގެން އަނެއްކާވެސް ހޫނު ފެންތައްޓެއް ބޯލާށެވެ.