ލައިފްސްޓައިލް

ސަލްމާން ވަރަށް އަވަހަށް ޔޫޓިއުބް ޗެނަލެއް ފަށަނީ

ސަލްމާން ޚާން ވަރަށް އަވަހަށް ޔޫޓިއުބު ޗެނަލެއް ފަށަން ތައްޔާރުވަމުން އެބަދެ އެވެ. މި ޗެނަލްގެ ނަމަކީ "ބީން ސަލްމާން ޚާން" އެވެ. ސަލްމާން މިހާރު ވެސް އޭނާގެ ގޭގައި ކުރާ މަޖާ ކަންތައްތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ދެއެވެ. އެހެންވެ ފޭނުން އަބަދުވެސް މިފަދަ އިތުރު ވީޑިއޯތަކަށް އަބަދުވެސް ޑިމާންޑް ކުރެ އެވެ. އެހެންވެ ފޭނުންނަށް އޭނާގެ ޒާތީ ދިރިއުޅުމުގެ ބައެއް މަންޒަރުތައް ހިއްސާކުރުމުގެ ގޮތުން ޔޫޓިއުބު ޗެނަލެއް އުފައްދަން ނިންމީ އެވެ.

މިއީ ފޭނުންނާއި ސަލްމާންގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިވެގެން ދާނެ ކަމަކަށް ވާނެކަމަށް ސަލްމާންގެ ފަރާތުން މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައި ވެއެވެ.

މިހާރު ވެސް ސަލްމާން ދަނީ ކޮވިޑް-19 އާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވާ އެކި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފުޅާކޮށް ކުރަމުންނެވެ. އެގޮތުން އޭނާ ދާދިފަހުން ވަނީ 1989ގައި އޭނާ ކުޅުނު ބްލޮކްބަސްޓާ ފިލްމު "މޭނޭ ޕިޔާރް ކިޔާ"ގެ މަންޒަރެއް އަލުން ކޮރޯނާވައިރަސް ޓުވިސްޓަކާ އެކު ކްރިއޭޓްކޮށް ހިއްސާ ކޮށްފަ އެވެ.

ސަލްމާން ޝެއާކުރި "މޭނޭ ޕިޔާރް ކިޔާ"ގެ މަންޒަރުގައި ފެންނަނީ އެ ފިލްމުގެ ބަތަލާ ބަގްޔާޝްރީ ލޯގަނޑަކަށް ދޮނެއް ދިނުމުން ލޯގަނޑަށް އަރާފައި ހުރި ލިޕްސްޓިކްގެ ނިޝާނަކަށް ސަލްމާން ދޮނެއް ދެނިކޮށެވެ. ފިލްމަށް 30 އަހަރު ފުރުނު ފަހުން ސަލްމާން މިފަހަރު ތައްޔާރުކުރި ވީޑީއޯގައި ދައްކަނީ އެ މަންޒަރުގައި އޭނާ ލޯގަނޑުގައިވާ ތުންފަތުގެ ނިޝާނަށް ދޮނެއް ދިނުމުގެ ބަދަލުގައި ސެނިޓައިޒާ ލައިގެން ފޮތިކޮޅަކުން އެ ނިޝާން ފޮހޭ ތަނެވެ.

"މޭނޭ ޕިޔާރް ކިޔާ ރިލީޒްކުރަނީ މިހާރު ނަމަ މަންޒަރު ފެންނާނީ މިފަދަ ގޮތަކަށް،" ވިޑިއޯގެ ކެޕްޝަންގައި ސަލްމާން ލިޔެފައި ވެއެވެ.
ސަލްމާންގެ މި ވާޝަން އޭނާގެ ފޭނުންނަށް ވަރަށް ކަމުގޮސްގެން އެކި ކަހަލަ މެސެޖްތައް ކޮށްފައި ވެއެވެ.