ސަލްމާން ޚާން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 30 އަހަރު ވެއްޖެ އެވެ. މި ދިގު މުއްދަތުގެ ތެރޭގައި ސުޕަސްޓާރެއްގެ ދަރަޖަ އޭނާ ވަނީ ހޯދާފަ އެވެ. ސަލްމާންގެ "ދަބަންގް 3" ރިލީޒްވުމަށް ކައިރިވެފައިވާއިރު ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން އިންޑިއާގެ އެކި ނޫސް މަޖައްލާތަކަށް ސަލްމާން މިހާރު ދަނީ އިންޓަވިއުތައް ދެމުންނެވެ. އެގޮތުން ދާދިފަހުން އޭނާ ދިން އިންޓަވިއު އެއްގައި 30 އަހަރުގެ ފިލްމީ ދަތުރަށް އަލިއަޅުވާލާފައި ވެއެވެ. އަދި ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާގެ ވިސްނުން ހުރި ގޮތް ވެސް ހިއްސާ ކުރި އެވެ.
ސަލްމާން ބޮލީވުޑަށް ތައާރަފްވީ 1988 ގައި ރިލީޒްވި "ބީވީ ހޯތޯ އެއިސީ" އިންނެވެ. މި ފިލްމުގެ ބަތަލާއަކީ ރޭކާ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބެއް ލިބުނެވެ. ނަމަވެސް އެކަމާ ސަލްމާން އުފަލެއް ނުވި އެވެ. ސަލްމާން ބުނި ގޮތުގައި ފިލްމު ރިލީޒްވާން ކައިރިވީއިރު އޭނާ އަބަދާ އަބަދު ދުއާ ކުރަމުން ދިޔައީ އެ ފިލްމު ފްލޮޕްވުމަށެވެ.
ފުރަތަމަ ފިލްމު ފްލޮޕްވާން ސަލްމާން އެހާ ބޭނުންވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސަލްމާން ބުނީ އެ ފިލްމުގައި އޭނާގެ މަސައްކަތް ވަރަށް ކަމުނުދާ ކަމަށާއި ފިލްމް ހިނގަން ބޭނުން ނުވީ އެހެންވެ ކަމަށެވެ.
ފުރަތަމަ ފިލްމުން ވެސް ވަރަށް ގިނަ އަންހެންކުދިންނަށް ސަލްމާން ރީތިވެ އޭނާގެ ފޭނުންނަށް ވިއެވެ. ނަމަވެސް މިކަމާ މެދު ވެސް ސަލްމާން ދެކޭ ގޮތް ތަފާތެވެ. އެ ފިލްމުގައި އޭނާ ހުރި ސިފަޔާއި ކުޅުނު ރޯލު އެއްގޮތަކަށް ވެސް ސަލްމާނަކަށް ކަމަކު ނުދެ އެވެ. ސަލްމާން ހިތްހަމަޖެހުނީ 1989 ގައި "މޭނޭ ޕިޔާރް ކިޔާ" ރިލީޒްކުރުމުންނެވެ. މިއަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހަކީ "މައިނޭ ޕިޔާރް ކިޔާ" ރިލީޒްކުރިތާ 30 އަހަރު ފުރޭ ދުވަހެވެ. ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ބާގްޔަޝްރީ އެވެ.
ސަލްމާން ބުނި ގޮތުގައި "މޭނޭ ޕިޔާރް ކިޔާ"ގެ ހަނދާންތައް އިއްޔެ ވީ ކަމެއް ފަދައިން އޭނާގެ އެބަހުއްޓެވެ. އެ ދުވަސްވަރަކީ މަސައްކަތެއް ނެތިގެން އޭނާ އުޅުނު ދުވަސްވަރެވެ. "މޭނޭ ޕިޔާރް ކިޔާ"ގައި ސޮއިކުރި ވަގުތުން ފެށިގެން އޭނާގެ ނަސީބު އަތުގައި ހިފި ކަމަށާއި އޭނާ މިހާތަނަށް ހޯދާފައިވާ ހުރިހާ ކާމިޔާބަކާއި މިހާރުގެ ސްޕަސްޓާ ސްޓޭޓަސްގެ ހުރިހާ ވެސް ޝުކުރެއް ރައްދުވަނީ "މޭނޭ ޕިޔާރް ކިޔާ" އަށް ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާންގެ "ދަބަންގް 3" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.