ލައިފްސްޓައިލް

"ރާދޭ" އަކީ ސަލްމާން ޚާންގެ އެންމެ ކުރު ފިލްމު

މިފަހަރުގެ ކުޑަ އީދު ދުވަހު ސަލްމާން ޚާން އަނެއްކާވެސް ބޮޑު ސްކްރީނަށް އަންނަން ދަނީ ތައްޔާރު ވަމުންނެވެ. ފާއިތުވީ އަހަރަކީ ސަލްމާނަށް މާ ކާމިޔާބު އަހަރަކަށް ނުވާތީ ގެއްލުނު މަގްބޫލުކަން އަލުން ހޯދުމުގެ ނިޔަތުގަ އެވެ.

"ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" ފިޔަވައި ފާއިތުވީ ދެ އަހަރު ތެރޭ ނުކުތް ސަލްމާންގެ ފިލްމުތަކަށް އުންމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބެ އެވެ. ޚާއްސަކޮށް ފާއިތުވީ އަހަރު ތެރޭގައި ބޮކްސް އޮފީހުގައި ސަލްމާނަށް މާ އެދެވޭ ޕާފޯމަންސެއް ދެއްކިފައެއް ނުވެ އެވެ.

ސަލްމާންގެ ފޭނުން އޭނާ ލައިވް ކޮށް ބަލާލަކަން ބޭނުންވެ އެވެ. އަދި ޓެލެވިޒަން ސްކްރީނުން ވެސް ބަލާލާހިތް ވެއެވެ. މަގުމަތިންނާއި މޯލްތަކުން އޭނާ ފެނުމުން ވެސް މޮޔަވެ އެވެ. ނަމަވެސް މޫވީ ތިއޭޓާތަކުން އޭނާގެ ފިލްމުތައް ބެލުމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

އެހެންވެ މިހާރު ހުރި ބާގަނޑުތައް ބައްދާ އަލުން ކެރިއަރު ހަމަޔަކަށް އަޅުވާލަން ސަލްމާން މިފަހަރު ގަސްތުކުރަނީ ކުރު، މަޖާ ފިލްމެއް ރިލީޒްކުރާށެވެ. އެއީ އޭނާއަށް އިރުޝާދު ދޭ މީހުން ބުނެފައިވާ ގޮތެވެ. އެމީހުންގެ ނަޒަރުގައި ގިނަ މީހުންނަށް މިހާރު ސަލްމާންގެ ފިލްމުތައް ކަމުނުދަނީ މާ ދިގު ވީމަ އެވެ. އެހެންވީމާ ދެން އޭނާގެ ނުކުންނަ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ކުރުވެފައި މަޖާކޮށްލަން ސަލްމާން ނިންމީ އެވެ.

"ރާދޭ" ވާނީ ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ކުރި އެއް ފިލްމަށެވެ. މި ފިލްމުގެ ޑައިރެކްޓަރު ޕްރަބޫދޭވާ ކައިރީގައި ސަލްމާން ވަނީ ފިލްމު ވީހާވެސް ކުރުކުރަން އެދިފަ އެވެ. ފިލްމުގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިޔަށް ދާއިރު ކުރިން ޝޫޓިން މުޅިން ނިންމާލަން އޮތީ މާޗް މަހު ނަމަވެސް ފިލްމު ކުރުކޮށްލުމުގެ ސަބަބަން ފެބްރުއަރީ 21 ގައި ފިލްމުގެ ޝޫޓިން މުޅިން ނިންމާލާނެ ކަމަށް އިންޑަސްޓްރީގެ މީހުން މައުލޫމާތު ދީފައި ވެއެވެ.