ލައިފްސްޓައިލް

"ދަބަންގް 3" ދިގުކަމުން ޝަކުވާ ބޮޑުވެ ބައެއް އުނިކޮށްފި

ސަލްމާން ޚާންގެ "ދަބަންގް 3" މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު ފިލްމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައި ވެއެވެ. ފިލްމުގެ ޝޫޓިން ފެށީއްސުރެ މި މައްސަލަތައް ދިމާވަމުން އައެވެ. ފުރަތަމަ ދިމާވީ "ހުދް ހުދް" ލަވައިގެ މައްސަލަ އެވެ. އޭގެ ފަހުން ދިމާވީ ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔަ ތަނެއްގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރަން ކުރޫން މަސައްކަތް ނުކުރުމުގެ ޝަކުވާ އެވެ. މިކަމާ ހެދި ވެސް ފިލްމުގެ ޝޫޓިން ހުއްޓާލަން ޖެހުނެވެ.

ފިލްމަށް ފުރަތަމަ ދުވަހު 24.50 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ. މިއީ ސަލްމާންގެ ފިލްމަކަށް މާ ބޮޑު އަދަދަކަށް ނުވިޔަސް ފިލްމު ކާމިޔާބު ވުމަށް ފުދޭ ވަރެއްގެ އަދަދެކެވެ. ފިލްމުގެ ރިވިއުތައް ހުރީ ވަރަށް މަސްހުނިކޮށެވެ. ބައެއް މީހުންނަށް ފިލްމު ކަމުދިޔައިރު އަނެއް ބަޔަކަށް އެހާ ކަމަކު ނުދިޔަ އެވެ. ނަމަވެސް އެންމެން ވެސް ޝަކުވާ ކުރާ އެއްކަމެއް އޮތެވެ. ފިލްމު މާ ދިގުވުމެވެ.

ފިލްމު ބެލި ގިނަ ބަޔަކު ވެސް ބުނެފައިވަނީ ފިލްމަކީ ސަލްމާންގެ ފޭނުން ހިތްހަމަޖެހޭނެ ފިލްމެއް ނަމަވެސް ފިލްމު ދިގުވުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ބެލުންތެރިންގެ ޝަކުވާއާ ހެދި ދެ ވަނަ ދުވަހުން ފެށިގެން ފިލްމު ދައްކަމުން ދަނީ އެޑިޓްކޮށް ބައެއް އުނިކޮށްލުމަށް ފަހުގަ އެވެ. ދެ ގަޑިއިރާއި 38 މިނިޓްގެ ފިލްމުން މިހާރު ނުވަ މިނިޓް 40 ސިކުންތު ވަނީ އުނިކޮށްފަ އެވެ. އެހެންވެ މިހާރު ފިލްމުގެ ދިގުމިނަކީ 2 ގަޑި 29 މިނެޓެވެ.

"ދަބަންގް 3" ގައި ސަލްމާން ކުޅެފައިވަނީ 2010 ގައި ނެރުނު "ދަބަންގް"ގައި އޭނާ އަދާކުރި ޗުލްބުލް ޕާންޑޭގެ ރޯލެވެ. މި ފިލްމުގައި ސަލްމާނާއި ޝާޙްރުކް މަސައްކަތް ކުރަނީ ސައީ މަންޖްރޭކަރްގެ ލޯބި ހާސިލު ކުރުމަށެވެ.

ފިލްމަށް މިހާތަނަށް 50 ކުރޯޑަށް ވުރެ ގިނައިން ލިބިފައި ވިޔަސް މިއީ ފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރި ވަރަށް ވުރެ މާ ދަށް އަދަދެކެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާގެ އަސަރު ވެސް މި ފިލްމަށް ވިޔަފާރިއަށް ވަނީ ކޮށްފަ އެވެ.