ކޮރޯނާވައިރަހުގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާއިރު އަހަރެމެން ކަހަލަ އާދައިގެ މީހުން ގޭގައި ހަމަޖެހިލައިގެން ތިއްބަސް ޑޮކްޓަރުންނާއި ނަރުހުން އަދި އެނޫންވެސް ސިއްހީ ޚިދުމަތްތެރިން ދަނީ މި ވައިރަހާ ހަނގުރާމަކުރުމަށް މައިދާނުގެ އެންމެ ކުރީގައި ވަރުބަލިކަމެއް ނެތި ރެޔާ ދުވާލު މަސައްކަތް ކުރަމުންނެވެ.
މި 'ސުޕަ ހީރޯ"އިން އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ޚިދުމަތްކުރުމުގައި މަސައްކަތްކުރާއިރު އެމީހުންގެ އާއިލާގެ މީހުންގެ ހިތްދަތިކަމާއި އެމީހުންގެ ހިތުގައި އޮންނަ ބިރުވެރިކަމަކީ ވެސް އެހެން މީހުންނަށް އަންދާޒާ ކޮށްލަން ވެސް ނޭނގޭނެ ވަރުގެ އެއްޗެކެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ އެއް ވީޑިއޯއަކީ މިފަދަ ހާދިސާއެއް ދައްކުވައިދޭ ވީޑިއޯ އެކެވެ. ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭ ޑޮކްޓަރަކު އޭނާގެ ކުޑަކުޑަ އަންހެންދަރިފުޅާ ބިއްލޫރި ފާރެއްގެ ދެ ފަރާތުގައި ތިބެގެން މުއާލާމަތްކުރާ މަންޒަރު މި ވީޑީއޯގައި ފެނެ އެވެ.
ބެލެވޭ ގޮތުގައި އާއިލާގެ މީހުންނަށް ބަލި ޖެހިދާނެތީ ޑޮކްޓަރު ދިރިއުޅެނީ ގޭގެ ވަކި ތަނެއްގައި މުޅިން ވަކިންނެވެ. ބިއްލޫރި ދޮރެއްގެ ބޭރުން ޑޮކްޓަރު ފެނުމުން އޭނާގެ ދަރިފުޅު އެތެރޭގައި ހުރެފައި އެ ދޮރުގެ ކައިރިއަށް ގޮސް ދޮރު ހުޅުވާފައި ބައްޕަ ކައިރިއަށް ދާން މަސައްކަތް ކުރެ އެވެ. ޑޮކްޓަރު ހުންނަނީ ސްކްރަބް ހެދުމުގައި މާސްކް އަޅައިގެންނެވެ.
ތުއްތު ކުއްޖާ ބޭނުންވަނީ ދޮރު ހުޅުވާފައި ބައްޕަ ކައިރިއަށް ދާށެވެ. ނަމަވެސް ބައްޕަ ގައިގައި އަތްލެވޭގޮތް ނުވުމުން އޭނާ ވަރަށް ބާރަށް ރޯން ފަށަ އެވެ. ނަމަވެސް ޑޮކްޓަރު އެއްގޮތަކަށް ވެސް ދޮރުހުޅުވާފައި ކުއްޖާ ނުކުތަކަ ނުދެ އެވެ. ފްލައިން ކިސް އެއް ދީފައި ކުއްޖާ ހަމަޖައްސޭތޯ ވަރަށް ލޯބިން މަސައްކަތް ކުރެ އެވެ.
ޑޮކްޓަރު މި ކަންތައް ކުރި ގޮތުން ވެސް ސޯޝަލް ޑިސްޓެންސިންގެ މުހިއްމުކަން ދައްކުވައިދެ އެވެ.
ޓުވިޓާގައި ދައުރުވަމުންދާ މި ވީޑިއޯއަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައި ވެއެވެ. އަދި މި މަންޒަރު ފެނިފައި ގިނަ ބަޔަކަށް ހިތްދަތިވެގެން ރޮވުނުކަމަށް މީހުން ކުރި ކޮމެންޓްތަކުގައި ލިޔެފައި ވެއެވެ.