މާލެ ސިޓީއިން އަނެއްކާ ވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މި މީހާއާއެކު މާލެ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރައިފަ އެވެ. އަލަށް ޕޮޒިޓިވްވި މީހާއަކީ މީގެ ކުރިން ބަލި ޖެހިފައިވާ މީހުނާ ގުޅުން އޮތް މީހެއްކަމަށް އަދި އެޗްޕީއިން ބުނެފައެއްނުވެ އެވެ.
މީގެ ގަޑިއެއްހާއިރު ކުރިންވެސް އެ ވައިރަހަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. ހަވަނަ އަށް ޕޮޒިޓިވްވި މީހާއަކީވެސް މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
ރޭ ވެސް މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އިއްޔެ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.
މާލެއިން ކޮވިޑް-19 ފެނުމާއެކު މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ރަށްރަށުގައި ވެސް ތިބުމުން، މިއަދު އިރުއޮއްސި ހައެއްގެ ފަހުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.