ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެއިން އިތުރު ތިން ތަނެއް މޮނިޓަރިންއަށް

މާލެއިން އިތުރު ތިން ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 8 މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިއަދުވެސް ތިން ތަނެއް މޮނިޓަރުންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެއީ މާފަންނު ވީނަސް، މާފަންނު ފްލައިޓްވިއު، ހެންވޭރު ޕާކްސައިޑް އަދި މާލެ ސްކޮއާ އެވެ.

ނަޒްލާ ވިދާޅުވީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ތިން ކޭސްއާ ގުޅިގެން 305 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކޮވިޑްގެ އަލާމަތްތައް ހުރި ބައެއް މީހުން ތިބުމުން އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރޭ ޕޮޒިޓިވްވި މީހުންނާއި މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އިއްޔެވެސް މާލެއާއި، ހުޅުމާލެ އަދި ތިން ރަށެއްގެ 22 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ނަޒްލާ ވަނީ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ ޓީމަށް ސައްހަ ތެދު މައުލޫމާތު ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ވިދާޅުވީ ކޮންޓެކްޓްވީ މީހުންގެ ފުރިހަމަ މައުލޫމާތު ދިނުމަކީ މުޖްތަމައުއިން ކޮވިޑްގެ ނުރައްކާ ނައްތާލުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.