ހަބަރު

އެންހިފަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

އެންހިފަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެންއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގދ އަތޮޅުގައި މަސްވެރިކަން ކުރަން އުޅުނު "އަސްދާން" ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެންހިފަން ފޭބި ދިވެއްސެއްގެ ހަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށާ ގެއްލިގެން ހޯދަމުންދަނީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ޒުވާނާ ގެއްލުނު ދޯނީގައި 25 މީހުން ތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެ ދޯނި އޮތް ސަރަހައްދުގައި މިހާރުވެސް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާ ޑައިވްކުރަން ފޭބީ ހަތަރު މީހުންނާއެކު ގައެވެ. އެއީ 30 މިނެޓްގެ ޑައިވެކެވެ. އޭނާ ޑައިވްކުރަން ފޭބިއިރު ހުރީ ކަޅު ކުޅައިގެ ޑައިވް ޝޫޓެއް ލައިގެންނެވެ.

އާޒިމް ވިދާޅުވީ އެ ޒުވާނާ ގެއްލުމާއި ގުޅިގެން ދޯނީގައި ތިބި މީހުން އޭނާ ހޯދަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑަށް އެކަން އެންގީ އެ ޒުވާނާ ނުފެނުމުން ކަމަށެވެ.