މިމަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮވިޑް–19 ފެތުރުން ހުއްޓުވުމަށްޓަކައި އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށާ މިގޮތަށް ހަމަޖެއްސެވީ މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސި ނަމަވެސް ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އޮފީސް ހުޅުވައިގެން ހިދުމަތެއް ދޭން ޖެހިއްޖެނަމަ އެ ހިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
ސަރުކާރު ބަންދު މުއްދަތުގައި ލިބެންޖެހޭ ހިދުމަތްތައް
- ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް؛
- ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް؛
- ބްރޯޑްކާސްޓިންގގެ ހިދުމަތް؛
- ފޯނާއި އިންޓަރނެޓުގެ ހިދުމަތް؛
- ބޭންކުތަކުން ދޭ ހިދުމަތް؛
- ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް؛
- ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް؛
- ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް؛
- ސިފައިންނާއި ފުލުހުންގެ ހިދުމަތް؛
- ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް؛
- ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް؛
- އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް؛
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް؛
- ޖަލުތަކުގެ ހިދުމަތް؛
- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނިނަގައި އުކައިލުމުގެ ހިދުމަތް؛
- މޫސުމާބެހޭ ހިދުމަތް.