ލައިފްސްޓައިލް

ސަލާމަތުން ތިބި ދެ ވަނަ އަށް އެންމެ ބަރުދަން ލުއި ޓުވިން

އެމެރިކާގެ ނޯތު ކެރޮލައިނާގެ ޑުރްހަމްގައި އުފަންވި އެއްމާބަނޑު ދެބެން ކަމަށްވާ މަކައިލާ އާއި މެކެންޒީ ޕޯޕް އަކީ މިހާތަނަށް ދުނިޔޭގައި އުފަންވި އެއްމާބަނޑު ދެބެން ތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބަރުދަން ލުއިކޮށް އޮއްވާ އުފަންވި އަދި ސަލާމަތުން ދުނިޔޭގައި ތިބި ދެބެންނެވެ.

ދުވަސް ނުފުރާ މި ދެ ކުދިން ވިހޭއިރު އެ ކުދިންގެ މަންމަގެ ބަނޑަށް އަދި އެންމެ 22 ހަފުތާ އާއި ދެ ދުވަހެވެ. އެހެންވެ އެކުދިންނަށް ދުނިޔޭގައި ތިބެވިދާނެކަމުގެ 'ޒީރޯ' ފުރުސަތު ވެސް ނެތްކަމަށް ޑޮކްޓަރުން އެ ކުދިންގެ މަންމަ ޓްރޭޒީ ހާންޑެޒް ކައިރީގައި ބުންޏެވެ.

ޑިއުކް ޔުނިވަސިޓީ ހޮސްޕިޓަލުގައި މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު މި ކުރިން ސިޒޭރިއަން ހަދައިގެން ނަގާފައި އޮއްވާ ނަގާފައިވާ ފޮޓޯތަކުން ފެންނަނީ ވަރަށް ކުޑަކުޑަ އަދި ނިކަމެތިކޮށް ހުރިހާ ގުނަވަންތަކެއް އުފެދިފައި ނެތި ތިއްބަ އެވެ.

މެކެންޒީގެ ބަރުދަނުގައި އެއް ޕައުންޑް އެއް އައުންސް ހުރިއިރު މަކައިލާގެ ބަރުދަނުގައި ހުރީ އެއް ޕައުންޑް ތިން އައުންސެވެ. މިކުދިންގެ ދުވަސް ނުފުރި ގިނަ ދުވަސްތަކެއް އޮތުމުން ހަންގަނޑުވެސް އޮތީ ޓްރާންސްޕޭރަންޓް ކޮށެވެ. އަދި ލޯ ވެސް ނުފަޅަ އެވެ.

ނަމަވެސް ސަލާމަތްވާނެކަމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް ޑޮކްޓަރުން ބުނި ދެ ބެން އޭގެ މަހެއް ފަހުން ވަނީ އެ ކުދިންގެ މައިންބަފައިންނާއެކު ގެއަށް ބަދަލުވެފަ އެވެ.

އެކުދިންގެ މަންމަ ޓްރެސީ، 33، ބުނީ ބަނޑަށް އެންމެ ފަސް މަހުގައި ބަނޑުގައި ރިއްސަން ފެށީމަ ހޮސްޕިޓަލަށް ދިއުމުން ބަނޑުގައި އޮތް ދެބެން ސަލާމަތް ވާނެކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ.

"އެ މީހުން ބުނި 23 ހަފުތާގައި އުފަންވާ ކުދިން ވެސް ދިރިހުރުމުގެ ފުރުސަތެއް ނޯވެޔޭ،" ޓްރޭސީ ބުންޏެވެ.

ޑޮކްޓަރުންނަށް މި ދެ ކުދިން ސަލާމަތްކުރާނެ ފުރުސަތު ލިބުނީ އެ ކުދިން އުފަންވުމާއެކު ވެސް އަމިއްލައަށް ނޭވާލާތީ އެވެ. އެކުދިން ނޭވާ ލުމުގައި އެއްވެސް މައްސަލައެއް ދިމާވިނަމަ ޑޮކްޓަރުންނަށް އެ ކުދިން ސަލާމަތެއް ނުކުރެވުނީހެވެ.

އެކުދިން ނޭވާލާ މަންޒަރު ފެނުނު ވަގުތަކީ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށް އެ ކުދިންގެ މަންމަ ބުންޏެވެ.

"އެ ކުދިންގެ ހަންގަނޑުން ގައިގެ އެތެރެ ފެނޭ. އަހަރެންގެ އަތްތިލަ މަތީގައި ރީތިކޮށް އެ ކުދިން ބޭއްވޭ،" ޓްރޭސީ ބުންޏެވެ.

ޓްރޭސީ ބުނީ ރަހިމުން ބޭރުގައި އެ ކުދިންގެ ގުނަވަންތައް ފުރިހަމަވަމުން ބޮޑުވަމުން އައިތަން އޭނާގެ ލޮލަށް ފެނިފައިވާ ކަމަށާއި މިއީ ހަމަ މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ.

އޭނާއަށް ވެގެން ވީނަމަ 129 ދުވަސް ހޮސްޕިޓަލުގައި އެކުދިން ނުބޭތިއްބީސް ކަމަށް ޓްރޭސީ ބުންޏެވެ. ސަބަބަކީ އެ ކުދިންގެ ތުއްތު ހަށިގަނޑުގައި ހޮޅިތައް ގުޅާ ވަޔަރު ކޮށްފައި އޮއްވާ ފެނުމުން ވަރަށް ހިތްދަތި ވާތީ އެވެ.

ދުނިޔޭގެ ރެކޯޑް ފޮތްތަކަށް މިހާރު މި ކުދިންގެ ނަން ވަނީ އަރާފަ އެވެ. ދެ ވަނަ އަށް އެންމެ ހަގުކޮށް އުފަންވި އެއްމާބަނޑު ދެބެންގެ ގޮތުގަ އެވެ.
ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން މިހާތަނަށް ދުވަސްނުފުރާ އުފަންވި އެންމެ ހަގު އެއްމާބަނޑު ދެބެންނަކީ ކީލޭ އާއި ކެމްބްރީ އެވޯލްޑްޓް އެވެ. އައޯވާއަށް އުފަންވީ މި ދެބެން އުފަންވެފައިވަނީ ނޮވެމްބަރު 24، 2018ގައި އެވެ. އެ ކުދިން އުފަންވީ މައިމީހާގެ ބަނޑަށް 22 ހަފުތާ އާ އެއް ދުވަހުންނެވެ.

ދުވަސްނުފުރާ ވިހޭ ކުދިން ތަކުގެ ތެރެއިން ސަލާމަތުން ހުރި އެންމެ ހަގު ކުއްޖަކީ ޖަރުމަނީގެ ފްރީޑާ މެންގޯލްޑެވެ. ނޮވެމްބަރު 2010 ގައި ފްރީޑާ އުފަންވީ 21 ހަފުތާ އާއި ފަސް ދުވަހުންނެވެ. ފްރީޑާ އާއެކު ދުނިޔޭގެ ރެކޯޑް ޝެއާ ކުރަނީ 1987 ގައި ކެނެޑާގެ އޮޓާވާއަށް އުފަންވީ ޖޭމްސް އެލްގިން ގިލް އެވެ. އޭނާ އުފަންވީ 128 ދުވަސް ބާކީ އޮއްވަ އެވެ.

އެމެރިކާގައި އުފަންވާ ކުދިންގެ ތެރެއިން ބާވީސް ހަފުތާ ނުފުރެނީސް އުފަންވާ ކުދިން ސަލާމަތްވާ ރޭޓަކީ 0-10 ޕަސެންޓެވެ. ވަރަށް ގިނަ ހޮސްޕިޓަލުތަކުގައި ވިހާ ކުދިންގެ ތެރެއިން 23 ހަފުތާ ނުފުރެނީސް ވިހާ ކުދިންނަށް ފަރުވާ ދިނުމުގެ ބަދަލުގައި އެ ކުދިން މަރުވަންދެން ބައިތިއްބަ އެވެ. އެހެންވެ މީގެން ސަލާމަތްވަނީ މަދު ކުއްޖެކެވެ. އަދި ސަލާމަތްވާ ކުދިންގެ ތެރެއިން ވެސް ގިނަ ކުދިންގެ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުރެ އެވެ.

ބާވީސް ހަފުތާ ނުފުރެނީސް އުފަންވާ ކުދިން ސަލާމަތްވާނެ ފުރުސަތު ނޯންނަނީ އެ ކުދިންގެ ހިތާއި ފުއްޕާމެޔާއި ސިކުނޑި ރަނގަޅަށް އުފެދިފައި ނުހުންނާތީ އެވެ.

ނަރުހެއްގެ ވަޒީފާ އަދާކުރާ ޓްރޭސީ ބުނި ގޮތުގައި އޭނާގެ ދެ ކުދިން ސަލާމަތްވުމުން، އެބޯޝަން ހަދައިގެން ދަރިން ވައްޓާލުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން ކުރާނަމަ ކުރަން ޖެހޭނީ ބަނޑަށް ކިތައް ހަފުތާ ކުރިންތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.