ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ހިދުމަތްތެރީންނަށް އަޅުގަނޑުމެން ވަނީ ދަރާފައި: ރައީސް

ކޮވިޑް-19 އިން އެންމެން ރައްކާތެރި ކުރުމަށް ޓަކައި ދިވެހި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީން ދެމުންދާ ހިދުމަތަކީ އަގުނުކުރެވޭ ވަރުގެ ބޮޑު ހިދުމަތެއް ކަމަށާއި ސިއްހީ ހިދުމަތްތެރީންނަށް އެމަނިކުފާނާއި ސަރުކާރު ދަރާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރުގެ އެ ދުވަސް ކުރިމަތިލާން މި ޖެހުނީ އެ ފަރާތްތަކުގެ ހިދުމަތް ގައުމަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ކޮވިޑް-19 އިން އެންމެން ރައްކާތެރި ކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރީން ކޮންމެ ދުވަހަކު ވެސް ނަގަމުން ދަނީ ބޮޑު ރިސްކް އެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސިއްހީ ހިދުމަތްތެރީން ކޮށްދެމުންދާ ހިދުމަތަށް އަޅުގަނޑުމެން މި ވަނީ އަގު ނުކުރެވޭ ބޮޑު އަދަދަކުން ދަރަނިވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް އެ ރޯގާއަށް ޕޮޒިޓިވް 32 މީހަކު ރާއްޖޭން ފެނިފައިވާއިރު ތޮއްޖެހިފައިވާ މާލޭން ވަނީ 12 މީހަކު ފެނިފަ އެވެ. މާލޭން ރޯގާ ފެނުމާ ގުޅިގެން މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓާސްކް ފޯހެއް އެކުލަވާލައި ހުރިހާ ސިއްހީ ހިދުމަތްތެރީންނާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.